20 Mar 2010, 10:38
14:30
މީޑިއާގެ ދެ ތަނެއްގެ މުވައްޒަފުންނާ މެދު ބަޔަކު ޓެރަރިޒަމްގެ ޢަމަލު ހިންގައި ބިރުދައްކާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ހަރުކަށި އިބާރާތުން މޯލްޑިވްސް އެންޖީއޯ ފެޑަރޭޝަނުން ކުށްވެރިކޮށްފި އެވެ.
އެކަން ކުށްވެރިކޮށް މަދަނީ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް އެންޖީއޯ ފެޑަރޭޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ޚަބަރާ މަޢުލޫމާތު ފެތުރުމުގެ މަސައްކަތް ކުރަމުން އަންނަ ދެ ތަނެއްގެ މުވައްޒަފުންނާ މެދު މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބަޔަކު ހިންގާފައިވާ ޢަމަލަކީ ގާނޫނު އަސާސީއާ ގާނޫނު ތަކުން، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް އެކި ފަރާތްތަކަށް ލިބިދޭ މިނިވަންކަމާއި ހައްގުތަކަށް އެކަމުގެ ސަބަބުން އުނިކަން ލިބި އަދި އެފަދަ ކަންކަން ކުރަން ތިބޭ ފަރާތްތަކަށާއި އެމީހުންގެ އާއިލާތަކަށް މަސައްކަތު މާހައުލުގަ އާއި މަދަނީ މާހައުލުގައި އަދި އެމީހުންގެ ހިޔާވަހިތަކުގައި މިނިވަންކަމާއެކު ދިރިއުޅުމަށް ހުރަސްއެޅި ބިރާއި ނުތަނަވަސްކަން ވެރިވެފައިވާތީ އެ ފެޑެރެޝަނުން ހިތާމަކުރާ ކަމަށެވެ.
ރާއްޖޭގެ މީޑިއާ އާއި އެއްވެސް ފަރުދެއްގެ މަދަނީ އަދި އެނޫންވެސް އެއްވެސް ހައްގަކަށް އުނިކަމެއް ލިބުމަކީ ރާއްޖޭގެ މަދަނީ ޖަމިއްޔާތަކުން ހާއްސަކޮށް މޯލްޑިވްސް އެންޖީއޯ ފެޑަރޭޝަންގެ މެމްބަރު ޖަމިއްޔާތަކުން ކަންބޮޑުވާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
އަދި މިފަދަ ނުރައްކާތެރި ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އިންސާފުން ފިޔަވަޅު އަޅައި، މުޖްތަމަޢުން މިފަދަ ބިރުތައް ނައްތާލުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކުން ޒިންމާދާރުކަމާ އެކު ފިޔަވަޅު އަޅައި، މިފަދަ ކަންތައްތައް ތަކުރާރުނުވާނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމަށް ވެސް އެ ފެޑަރޭޝަނުން ވަނީ ގޮވާލައިފަ އެވެ.