26 Jul 2013, 14:11
ކުރިކެޓް ބޯޑުން އިންތިޒާމް ކޮަށްގެން ބާއްވާ އަލޯރާ ރަމަޟާން ކުރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ ޓޭޕް ބޯލް ކުރިކެޓް މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗްތަކުން (ފޮޓޯ) އެޑިއުކޭޝަނާއި ސީއާރުސީ މޮޅުވެއްޖެ އެވެ.
ކުޅިވަރު އެކުއެނީ އެންނަންބަރު ދަނޑުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ސިފައިންނާއި އެޑުއިކޭޝަންގެ ޓީމެވެ. އެ މެޗް އެޑިއުކޭޝަންގެ ޓީމުން ކާމިޔާބު ކުރީ ފަސް ވިކެޓުންނެވެ. ދެ ވަނަ މެޗް އެމް އެމް އާއި ބައްދަލުކޮށް 12 ލަނޑުން ކާމިޔާބު ކުރީ ސީއާރުސީ އެވެ.
އިއްޔެގެ މެޗުގައި ޓޮސް ދިމާވުމުން ސިފައިންގެ ޓީމް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 83 ލަނޑު ހެދި އެވެ. އަދި މެޗުގައި އަހުމަދު އިކްރަމް ވަނީ 31 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި އެޑިއުކޭޝަން ކުޅެންއަރާ 5.2 އީވަރުގެ ތެރޭގައި 87 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި އަލީ އަމީނެވެ.
އިއްޔެގެ ދެ ވަނަ މެޗުގައި ޓޮސް ދިމާވުމުން ސީއާރުސީ ކުޅެންއަރާ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 108 ލަނޑުހެދި އެވެ. މެޗުގައި މަހުމޫދު ރިޔާޒު 31 ލަނޑު ހެދި އެވެ. ޖަވާބުގައި އެމްއެމްއޭ ކުޅެންއަރާ ދެ ކުޅުންތެރިން ނުބަައިވެގެން 96 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި އަހުމަދު އުމަރު އެވެ.
މުބާރަތުގައި މިއަދު ހަވީރު ވެސް ދެ މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ކަސްޓަމްސް އާއި އިމިގްރޭޝަން އެވެ. ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ޔޫތް މިނިސްޓްރީ އާއި ސިފައިންގެ ކުލަބެވެ. ކުޅުން ފެށޭނީ މިއަދު ހަވީރު 4:10 ގައެވެ.