26 Jul 2013, 14:03
ދާއިމީ ގޮތެއްގައި ފަރުވާހޯދަން ޖެހޭ ބަލިތަކުގެ ތެރެއިން ލޭމައްޗަދާ މީހުންނާއި ހަކުރުބަލީގެ މީހުންނަށް އެމީހަކު ވަޒަންވެރިވެގެން އުޅޭ ރަށަކުން ފަސޭހަކަމާ އެކު ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާއިން) ބުނެފި އެވެ.
އެންސްޕާގެ ޗެއާމަން ތޯރިގް އަލީ ލުތުފީ ވިދާޅުވީ ހައިޕަ ޓެންޝަންއާއި ޑައިބެޓިސް ހުންނަ މީހުންނަށް އެ މީހަކު ހުރިތަކުން ބޭސްފަރުވާ ލިބޭނޭ ނިޒާމެއް އާސަންދައިގެ ދަށުން ތައާރަފްކުރުމަށް ފުރިހަކުރަން ޖެހޭ ލިޔެކިޔުންތައް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ. އެ ލިޔުންތައް ކަމާ ބެހޭ ފަންނީ ބޭފުޅުންނަށް ދެއްކުމަށް ފަހު އެބޭފުޅުންގެ ހުއްދަ ލިބިއްޖެ ނަމަ އެންސްޕާގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ޚިދުމަތް ތައާރަފް ކުރާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ފާހަގަ ކުރެއްވި ގޮތުގައި އާސަންދަ ނިޒާމަށް މިހާރު ގެންނަން އުޅޭ ބަދަލަކީ މަދަނައަށް ފަހު އެ ސްކީމަށް ގެނެވޭ އެންމެ ބޮޑު ބަދަލަށް ވެގެންދާނެ އެވެ. އޭގެ ސަބަބުން ހަކުރުބަލީގެ މީހުންނާއި ލޭމައްޗަށްދާ މީހުން ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމަށްވިޔަސް އެމީހަކު ހުރި ރަށަކުން ފަރުވާ ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ބަދަލާ އެކު މިހާތަނަށް ދިވެހި ރައްޔިތުންގެ ބޭސްފަރުވާގެ ޚަރަދު ހަމަޖައްސައިދިނުމަށް ގެންގުޅެމުންއައި ނިޒާމަށް ވެސް ވަރަށް ބޮޑު ބަދަލެއް އަންނާނެ. އެހެންވީމާ ފުރަތަމަ ފަހަރަށް [ފީ ފޯ ސާވިސް] ދޫކޮށް، ކަނޑައެޅޭ ވަކި އުސޫލަކުން، ކަނޑައެޅިފައިވާ ވަކި އަދަދަކަށް، އަގުދައްކާ ނިޒާމެއްގެ ތެރެއަށް ދާން މަސައްކަތްކުރާ ހަގީގީ މަރުހަލާމީ،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައިޕަ ޓެންޝަންއާއި ޑައިބެޓިސް އަށް ރާއްޖެ އިން ބޭރުގައި ފަރުވާ ހޯދާނަމަ އަލަށް ތައާރަފްކުރާ ނިޒާމުގެ ދަށުން އެގައުމެއްގައި ހުންނަ އާސަންދަ ގަބޫލުކުރާ ތަންތަނުން ބޭސްފަރުވާ ލިބޭނޭ ގޮތްތައް ހަމަޖެއްސޭތޯ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.