26 Jul 2013, 13:49
ޤާހިރާ (ޖުލައި 26): މިސްރުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމުގެ ބާރު ސިފައިންނަށް ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ ރައްޔިތުން މަގުތަކަށް ނުކުތުމަށް އެގައުމުގެ ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް ޢަބްދުލްފައްތާޙް އައްސީސީ ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަ ދިނުމަކީ ދީނީގޮތުން ހުއްދަ ކަމެއްނޫން ކަމަށް ވިދާޅުވެ އެކަމަށް އިޖާބަ ނުދިނުމަށް މިސްރުގެ އިސް ދަންނަ ބޭކަލެއް ކަމަށްވާ އަލްޢައްލާމާ ޑރ. ޔޫސުފް އަލްޤަރްޟާވީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. އަލްޤަރްޟާވީ ވިދާޅުވީ ޖެނެރަލް އައްސީސީ ގޮވާލެއްވި ގޮވާލެއްވުމަކީ ފިތްނައާއި ތަޅާފޮޅުމާއި މީހުން މެރުމަށް ހިއްވަރުދިނުމުގެ ޢަމަލެއްކަމަށް ބެލެވޭތީ އެކަމަށް އިޖާބަދިނުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކަމުގަ އެވެ. ޑރ. އަލްޤަރްޟާވީ ވިދާޅުވީ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ މަޤާމުން ދުރުކުރުމަށް ފަހު ފަރުދާގެ ފަހަތުގައި ފިލައި ހުންނަވައިގެން މިސްރުގައި ވެރިކަން ކުރައްވަމުން ގެންދަވަނީ ޖެނެރަލް އައްސީސީ ކަމަށާ މިސްރުގެ ވަގުތީ ރައީސް ޢަދްލީ މަންސޫރާއި ބޮޑުވަޒީރު ޙާޒިމް އަލްބިބްލާވީ އަކީ ހަމައެކަނި ނަމެއްގައި ވެރިކަމުގައި ބައިތިއްބާފައިވާ ދެބޭފުޅުން ކަމުގަ އެވެ.
މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ވެސް ވަނީ ޖެނެރަލް އައްސީސީގެ ގޮވާލެއްވުމަކީފިތްނަ އުފެއްދުމާއި ދާޚިލީ ހަނގުރާމައަށް "ބެރުޖެހުން"ކަމަށް ސިފަކޮށްފަ އެވެ. މިސްރުގެ ޙަޤީޤީ ބާރުވެރިޔާ ކަމަށްބެލެވޭ ޖެނެރަލް އައްސީސީ މިދިޔަ ބުދަ ދުވަހު ރައްޔިތުންނަށް ގޮވާލައްވާފައި ވަނީ މިސްރުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމުގެ ބާރު ސިފައިންނަށް ދޭކަން އަންގައިދިނުމުގެ ގޮތުން މިއަދުގެ ހުކުރު ނަމާދަށް ފަހު ރައްޔިތުން މިލިޔަނުން މަގުތަކަށް ނުކުތުމަށެވެ. ނަމަވެސް ޖެނެރަލް އައްސީސީގެ ގޮވާލެއްވުމާބެހޭ ގޮތުން މިސްރު ސިފައިންގެ ތަރްޖަމާނަކު ފަހުން ވިދާޅުވެފައި ވަނީ ޖެނެރަލްގެ ގޮވާލެއްވުމަކީ ސިޔާސީ ވަކިފަރާތަކަށް ބިރުދެއްކުމުގެ ޢަމަލެއްނޫން ކަމަށް ސިފަކުރައްވާފަ އެވެ.
އަނެއްކޮޅުން މިސްރުގެ ސިފައިން ވަނީ މުރުސީއަށް ތާއީދުކުރާ ފަރާތްތަކާއި އޭނާއާ އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގަމުންދާ ކުރިމަތިލުންތައް ހުއްޓާލުމަށް 48 ގަޑީއިރުގެ މުހުލަތެއްދީ މިކަން ހުއްޓާލުމަށް އިންޒާރު ކޮށްފަ އެވެ. ނަމަވެސް 48 ގަޑީއިރަށް ފަހު ކުރިމަތިލުންތައް ހުއްޓާނުލައިފި ނަމަ ދެންޢަމަލުކުރާނެ ގޮތެއް ސިފައިން ހާމަކޮށްފައެއްނުވެ އެވެ.
މިއަދުގެ ހުކުރު ނަމާދަށް ފަހު ޑރ. މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން މުރުސީ އަލުން ވެރިކަމަށް ރުޖޫޢަ ކުރުމަށް ގޮވާލައި މުޒާހަރާކުރަން ތައްޔާރުވާ އިރު މުރުސީއާ އިދިކޮޅު ފަރާތްތަކުން ތައްޔާރު ވަނީ މިސްރުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމުގެ ބާރު ސިފައިންނަށް ދިނުމުގެ ގޮތުން ރައްޔިތުން މަގުތަކަށް ނުކުތުމަށް ޖެނެރަލް އައްސީސީ ގޮވާލެއްވި ގޮވާލެއްވުމަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށް ޚަބަރުލިބެ އެވެ.
މިމަހުގެ ތިން ވަނަ ދުވަހު މިސްރުގެ ސިފައިން ނުކުމެ ކުރީގެ ރައީސް ޑރ. މުރުސީ މަޤާމުން ދުރުކުރުމަށް ފަހު މިވީ ތިންހަފްތާތެރޭގައި މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ހާހަކަށްވުރެ ގިނަމީހުން ޒަޚަމްވެފައިވެ އެވެ. (އަލްޖަޒީރާ)