އދ. މަޖިލިސް (ޖުލައި 26): ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކުގައި މަރުވި މީހުންގެ ޢަދަދު އެއްލައްކަ އަށް އަރައިފިކަން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ހާމަކުރައްވައިފި އެވެ.

ނިޔުޔޯކްގައި ހުންނަ އދ.ގެ މައިމަރުކަޒުގައި ވާހަކަ ދައްކަވަމުން ބާންކީ މޫންވިދާޅުވީ ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ފާއިތުވި 28 މަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު އެއްލައްކައަށް އަރާފައިވާ ކަމަށާ ޒަޚަމްވި މީހުންގެ ޢަދަދު އެތަށްލައްކައަކުން ގުނާލެވޭ ކަމުގަ އެވެ. އދ.ގެ ރިޕޯޓްތައް ބުނާގޮތުން ހަނގުރާމައިގެ ސަބަބުން ސޫރިޔާގެ 1.7 މިލިޔަން މީހުން ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ގައުމުތަކަށް ހިޖްރަކޮށްފައިވެ އެވެ. އަދި ސޫރިޔާގެ 22 މިލިޔަން ރައްޔިތުންގެ ތެރެއިން ހަތް މިލިޔަން މީހުން ހަނގުރާމައިގެ ސަބަބުން ޙާލުގައިޖެހި ގައުމުގެ އެތެރޭގައި ރެފިއުޖީންނަށް ވެފައިވާ ކަމަށް ވެސް އދ. ން ބުނެފައިވެ އެވެ.

ބާންކީ މޫން ވިދާޅުވީ ސޫރިޔާގެ ރައްޔިތުން ބަރުދާސްތު ކުރަމުން ގެންދަނީ ވަރަށް އަނިޔާވެރި އަދި ވޭނުން ފުރިގެންވާ ދުވަސްތަކެއް ކަމަށާ ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދަންޖެހޭ ކަމަށެވެ. މިގޮތުން ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމަށް ޓަކައި ޖެނީވާގައި ބޭއްވުމަށް ރޭވިފައިވާ ބައިނަލްއަޤްވާމީ މަހާސިންތާ ބޭއްވުން އަވަސްކުރުމަށް ބާންކީ މޫން ގޮވާލެއްވި އެވެ.

ބާންކީ މޫން ގެ އަރިހުގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީވެސްވަނީ ސޫރިޔާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ކެރީ ވިދާޅުވީ ސޫރިޔާގެ މައްސަލަ ޙައްލުކުރެވެން އޮތީ ސުލްޙަވެރިކޮށް ކަމަށާއި މިކަމަށް ކުރެވޭ މަސައްކަތް އިތުރުކުރަން ޖެހޭ ކަމުގަ އެވެ. ނަމަވެސް ސޫރިޔާގައި ހިނގާ ހަނގުރާމަ ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވަނީ ކުރެވިފަ އެވެ.

ބަރަކާތްތެރި ރަމަޟާން މަހުގައި ވެސް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިންނާ ދެމެދު ދަނީ ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. މިހަނގުރާމައިގާ ރަމަޟާން މަހުގެ ތެރޭގައި ވެސް 2000 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. އަދި ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި އިއްޔެވެސް ބާރުގަދަ ކާރުބޮމެއް ގޮއްވާލައި 10 މީހަކު މަރާލާފައިވެ އެވެ. (ނޫސްއެޖެންސީތައް)