25 Jul 2013, 23:38
ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި އެގައުމުން ބޭރުކޮށްފައިވާ ފަލަސްތީނުގެ ހަތަރު ރެފިއުޖީއަކު ރާއްޖެ އައުމުން، ފޮރިން މިނިސްޓްރީން އެމީހުންނަށް އެހީތެރިވާން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީރިޔާގެ ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ސުވާލު އުފެދޭފަދަ ޓްރެވަލް ޑޮކިޔުމަންޓުތަކެއް ހިފައިގެން ދުބާއީ މަގުން މި މަހުގެ ނުވަ ވަނަ ދުވަހު ރާއްޖެ އައި ހަތަރު މީހުންގެ އާއިލާއަކަށް އެހީތެރިވުމަށް އެ މިނިސްޓްރިން ނިންމާފައި ވަނީ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމަށް ފަހުގައި ކަމަށެވެ. ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަން ފޯ ރެފިއުޖީސް (ޔޫއެންއެޗްއާރުސީ) އިން މިމަހުގެ 14 ވަނަ ދުވަހު އެ ހަތަރު މީހުންނަކީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީސް ފޯ ފަލަސްތީން ރެފިއުޖީސްގެ ގޮތުގައި ލިސްޓު ކުރެވިފައިވާ އާއިލާއެއް ކަމަށް ކަށަވަރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޝައްކު އުފެދޭފަދަ ޓްރެވަލް ޑޮކިއުމަންޓާއި އެފަދަ އެހެނިހެން ލިޔެކިޔުންތައް ގެންގުޅޭ ފަރާތްތައް ރާއްޖެ އެތެރެވުމަކީ ރާއްޖޭގައި އެ ކަމަށް ހެދިފައިވާ ގާނޫނުގެ ދަށުން ހުއްދަ ކުރެވޭ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ފަލަސްތީނުގެ އެ ހަތަރު މީހުންނަކީ ރެފިއުޖީ އާއިލާއަކަށް އުފަން ބައެއް ކަމަށާއި އެ މީހުން ދިރިއުޅެމުން ގެންދިޔައީ ސީރިޔާގައި ކަމަށްވެ އެވެ. އަދި ސީރިޔާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އެ މީހުން ސީރިޔާއިން ބޭރުކޮށްލީ އެވެ.
"ޔޫއެންއެޗްއާރުސީގެ އެދުމާއެކު، ފޮރިން މިނިސްޓްރީއިން، އެ ކަމުގެ ތެރެއަށްވަދެ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގައި އެދިގެން މިހާރު ވަނީ، އެމީހުންނަށް ރާއްޖޭގައި ތިބުމުގެ ހުއްދަ ލިބިފައި. ސަރުކާރުން އެގޮތަށް ނިންމީ، އެ މީހުން އައި މަގުން އަނބުރާ ފޮނުވާލައިފި ނަމަ، އެމީހުން އަނެއްކާވެސް އެނބުރި ދާންޖެހޭނީ، ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާއަށް ކަމަށާއި އަދި އެފަދަ ހާލަތެއް އޮތްތަނަކަށް އެ އާއިލާ ފޮނުވާލުމަކީ ރަނގަޅުކަމެއް ކަމަށް ރާއްޖެއަށް ގަބޫލު ނުކުރެވޭތީ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ދިވެހި ސަރުކާރުން މިހާރު ވަނީ އެ އާއިލާއަށް ހުޅުލޭގައި ތިބެނެ ތަނެއްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. އަދި އެމީހުންނަށް ބޭނުންވާނެ ބޭސް ފަރުވާއާއި ކާނާ އާއި އެހެނިހެން ޒަރޫރީ ބޭނުންތައްވެސް ދަނީ ފޯރުކޮށްދެމުންނެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، ފަލަސްތީނުގެ އެ އާއިލާއިން ރާއްޖޭގައި މަޑުކޮށްގެން ތިބުމުގެ އެއްވެސް ޝައުގުވެރި ކަމެއް ފާޅުކޮށްފައި ނުވާ ކަމަށާއި، އަދި އެމީހުންގެ އާއިލާ މިހާރު ޔޫރަޕްގައި ވަޒަންވެރިވެފައި ވާތީ އެ ހަތަރު މީހުން ވެސް ބޭނުން ވަނީ ޔޫރަޕަށް އެނބުރި ދިއުމަށް ކަމަށެވެ.
އަދި މިމަހުގެ 23 ގައި ޔޫއެންއެޗްއާރުސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން ހެންސް ފްރެއިޑްރިޗް ރާއްޖެ ވަޑައިގެން އެ އާއިލާއާ ބައްދަލުކޮށް އެ މީހުންގެ ޔޫރަޕަށް ގެންދަން ކުރަންޖެހޭ ކަންތައްތައް ކުރަމުން މިހާރު ގެންދާ ކަމަށާއި، އެމީހުންނަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތައް ނިމުމުން އެމީހުން އެނބުރި ޔޫރަޕަށް ގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ދިވެހި ސަރުކާރުން ފަލަސްތީނު އާއިލާގެ ކަންތަކުގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ އިންސާނިއްޔަތަށްޓަކައި ކަމަށާއި އަދި އެ ހަތަރު މީހުން ޔޫރަޕްގައި ވަޒަންވެރި ކުރުވުމަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމަށް ދިވެހި ސަރުކާރާއި، ޔޫއެންއެޗްއާރުސީ އާއި ކޮލަމްބޯގައި ހުންނަ ފަލަސްތީނު އެމްބަސީ ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.