25 Jul 2013, 23:16
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފި ނަމަ، ޖޯގްރަފިކަލް ގޮތުން ރާއްޖޭގެ ހުޅަނގު ދެކުނުގައި ވަކިން އޮންނަ ހދ. މަކުނުދޫގައި އެއާޕޯޓެއް ހައްދަވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ މަކުނުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ މަކުނުދުއަކީ ރާއްޖޭގެ މިނިވަންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް ކަމަށާއި އެހެން ކަމާ އެކު މަކުނޫދު އަށް ތަރައްގީ ގެނެސް ހުރިހާ ހިދުމަތްތަކެއް މަކުނޫދޫން ލިބޭނެ ގޮތް ހެދުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"އަޅުގަނޑު މިދަންނަ ވަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ވާހަކައެއް ނޫން. އަޅުގަނޑު މިދަންނަ ވަނީ ވައިގެ ދަތުރުފަތުރުގެ ވާހަކަ. އާދެ އިރާދަކުރެއްވީއްޔާ އެމްޑީޕީގެ ސަރުކާރެއްގެ ފުރަތަމަ ދެ އަހަރު ތެރޭގައި މަކުނުދޫގެ ތަރައްގީގެ އެންމެ ބޮޑު ބިނާއެއްގެ ގޮތުގައި ފެންނާނީ މަކުނުދޫގެ އެއާޕޯޓެއް ގާއިމް ކުރެވިގެންދާތަން. އަޅުގަނޑުމެން އެކަން ކޮށްދޭނަން". ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާން ވިދާޅުވީ ގައުމެއް ތަރައްގީ ކުރެވޭނީ އެ ގައުމެއްގައި ހަރުދަނާ ވެރިކަމުގެ ނިޒާމެއް ގައިމުކޮށްގެން ކަމަށާއި އެނޫން އެހެން ގޮތަކަށް ގައުމެއް ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް ނަޝީދު ރޭ ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުން ދެވަނަ ބުރުގެ ވާހަކަ ދައްކަވަމުން ގެންދިއުމަކީ އެމްޑީޕީ އަށް މި އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުވާނެ ކަމުގެ ހެއްކެއް ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ދެވަނަ ބުރަކަށް ނޮގޮސް ޖުމްހޫރީ ޕާޓީ ދެ ވަނަ ބުރަކަށް ގޮސްފި ނަމަ ޖުމްހޫރީ ޕާޓީ އަށް ތާއީދު ކުރާނެ ކަމަށް ވިދާޅުވުމަކީ ވެސް އެމްޑީ އެއްބުރުން މި އަހަރުގެ ރިޔާސީ އިންތިހާބުކާމިޔާބު ކުރާނެ ކަން އަބްދުﷲ ޔާމީން ވެސް ގަބޫލުފުޅު ކުރައްވާ ކަމުގެ ހެއްކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.