09 Nov 2010, 09:07
ލ. ކައްދޫ އެއާޕޯޓުގައި ހުންނަ ހަލަވެލި ގެސްޓް ހައުސް އާއި ވީވީއައިޕީ ގެސްޓް ހައުސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ބޮޑު ހިއްސާއެއް އޮންނަ ހެވީލޯޑަށް ދީފި އެވެ.
ރިޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ވަޖީހު މިއަދު ވިދާޅުވީ ހަލަވެލި ގެސްޓް ހައުސް އާއި ވީވީއައިޕީ ގެސްޓް ހައުސް ހެވީލޯޑަށް ކުށްޔަށް ދީފައި ވަނި ތިން އަހަރު ދުވަހަށް ކަމަށާއި އެ ބީލަމުގައި ބައިވެވެރިވީ ހެވީލޯޑާ އެކު ތިން ފަރާތަކުން ކަމަށެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެ ބީލަމުގައި ރާއްޖޭގެ ރެސްޓޯރެންޓް ޗެއިން "ސިންފަނި" ވެސް ބައިވެރި އެވެ.
ވަޖީހު ވިދާޅުވީ ހަލަވެލި ގެސްޓް ހައުސް އާއި ވީވީއައިޕީ ގެސްޓް ހައުސް ހެވީލޯޑަށް ދިނީ ފިނޭންސް މިނިސްޓްރީގެ އިވެލުއޭޝަން ކޮމެޓީން އިވެލުއޭޓް ކުރުމަށް ފަހު ހެވީލޯޑަށް ދިނުމަށް އެންގުމުން ކަމަށެވެ.
ދެ ގެސްޓް ހައުސް އަށް ހެވީލޯޑުން ހުށަހަޅާފައިވާ އަގެއް ވެސް އަދި ކުއްޔަށް ދީފައިވާ އަގެއް ވެސް ވަޖީހު ވިދާޅެއް ނުވި އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތުތައް ބޭނުންވާ ކަމަށް މިއަދު ނޯޓެއް ފޮނުވައިލުމުން މާދަމާ ހަމަޖައްސައިދެއްވާނެ ކަމަށެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ދެ ގެސްޓް ހައުސް ހެވީލޯޑަށް ދީފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ކައްދޫ އެއާޕޯޓްގެ ހަލަވެލި ގެސްޓް ހައުސްގެ އެއްބައިގައި 10 ކޮޓަރި ހުރެ އެވެ. އެތާނގެ ސްޓޮޕް އޯވާގައި ހަތަރު ކޮޓަރި ހުރެ އެވެ. ވީވީއައިޕީ ގެސްޓް ހައުސްގައި 11 ކޮޓަރި ހުރެ އެވެ. ދެ ތަނުގައި ޖުމްލަ 25 ކޮޓަރި އެވެ.