25 Jul 2013, 22:44
އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމް، އާސަންދައިގެ ބޮޑު ހޭދައެއް ބޭސް ފިހާރަތަކަށް ކުރަން ޖެހޭތީ އާސަންދައިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވޭތުވެދިޔަ އަހަރު އާސަންދައިން ކުރި ހޭދައާ ބެހޭ ތަފްސީލް ނޫސްވެރިންނަށް ދެއްވަމުން، އެންސްޕާގެ ޗެއާމަން ތޯރިގް އަލީ ލުތުފީ މިއަދު ވިދާޅުވީ މުޅި އަހަރަށް އާސަންދައިން ހަރަދުކުރެވުނު 800 މިލިޔަން ރުފިޔާގެ ތެރެއިން ޑޮކްޓަރަށް ދައްކަންދާ ހަރަދު ނަގާފައި އެންމެ ބޮޑު ހަރަދެއް ފާމަސީ ތަކަށް ކުރަން ޖެހުމަކީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
"އައުޓް ޕޭޝަންޓް ސާވިސްގެ މައިގަނޑު ހަރަދުތަކަށް ބަލާއިރު، ކޮންސަލްޓޭޝަން ނަގާފައި، ބޭހަށް ބޮޑު ހަރަދެއް ކުރެވިފައިވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. ބޭސް ގަންނަން. އެހެންވީމާ އެއީ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ވިސްނަމުންދާ މައްސަލައެއް، ކިހިނެއް ވެގެންތޯ އެހެން އެ ދިމާވަނީ،" ތޯރިގް ވިދާޅުވި އެވެ.
މިދިޔަ އަހަރު އާސަންދައިން ކުރެވިފައިވާ ބައެއް ހަރަދުތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ސިއްހީ ހިދުމަތްދޭ އެކި ތަންތަނުގެ ތެރެއިން، ހޮސްޕިޓާތަކާއި، ހެލްތު ސެންޓަރުތަކުގެ ޓްރާންސެކްޝަން ޑިސްޓްރިބިއުޝަން 65 އިންސައްތައަށް އަރާއިރު، ފާމަސީތަކުގެ ޓްރާންސެކްޝަންސް 32 އިންސައްތައަށް އަރަ އެވެ. އާސަންދައިން ބިލްތަކަށް ފައިސާ ދޫކުރެވުނު ތަންތަނުގެ 75 ޕަސެންޓް ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކަށް ވާއިރު، ފާމަސީތަކަށް 18 ޕަސެންޓު ދޫކުރެވިފައިވެ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރުގެ ނިޔަލަށް އާސަންދައިން ދޭ ހިދުމަތްތަކުގެ ތެރެއިން ފަރުވާ ލިބިގަންނަ މީހާ އާއި އާސަންދަ ހިއްސާވާ ގޮތަށް އައުޓް ޕޭޝަންޓް ހިދުމަތަށް ކޮންސަލްޓޭޝަންއަށް 32 އިންސައްތަ، ލެބޯޓަރީ ހިދުމަތަށް 25 އިންސައްތަ އަދި ފާމަސީ ތަކަށް 27 އިންސައްތަ ހޭދަކޮށްފައިވެ އެވެ.
އާސަންދަ ސްކީމްގެ ބޮޑު ބައެއް އައުޓް ޕޭޝަންޓް ސާވިސް އަށް ހޭދަކުރެވޭއިރު އޭގެ ތެރެއިން މުޅި ހަރަދުގެ ބޮޑުބައި ކުރެވިފައި ވަނީ މާލޭގައި އެވެ. އެގޮތުން ވޭތުވެދިޔަ އަހަރު، މާލޭގައި 482،000،000ރ ހަރަދު ކުރެވިފައިވާއިރު އޭގެތެރެއިން 92 އިންސައްތަ ހޭދަކުރެވިފައި ވަނީ އައުޓް ޕޭޝަންޓް ސާވިސް އަށެވެ. ދެ ވަނައަށް އެންމެ ބޮޑު ހަރަދެއް ބަލިމީހާއަށް ރާއްޖެއިން ބޭރުގައި ފަރުވާހޯދުމަށް ހޭދަކުރެވިފައިވާއިރު، 180،000،000ރ ގެ ތެރެއިން 41 އިންސައްތަ ހޭދަކުރެވިފައިވަނީ އައުޓް ޕޭޝަންޓް ހިދުމަތަށެވެ.
ތޯރިގް ވިދާޅުވީ އާސަންދަ ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އަދި ބޭހުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތާންގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފަސޭހަކަމާއެކު ރައްޔިތުންނަށް ބޭސް ލިބޭނޭ ނިޒާމެއް ހަމަޖެއްސުމާއި ފާމަސީތަކުން އަގު ބޮޑުކޮށް ބޭސް ގަންނަންޖެހޭތީ އެކަމަށް ވެސް ހައްލެއް ހޯދުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
"ބޭހުގެ މައްސަލައަށް ހައްލެއް ގެމައުމަށް އާސަންދަގެ ބޯޑުގައި ވެސް މިކަމާމެދު މަޝްވަރާކޮށް އެކަމަށް ގޮތްތަކެއް ހޯދޭތޯ މިދަނީ މިހާރު ވެސް މަޝްވަރާ ކުރެވެމުން، އަދި އެކަންތައް ވާނީ އަޅުގަނޑުމެންގެ ބޯޑުން އެންޑީއޭއާ ވެސް ހަވާލުކޮށްފައި ވާނީ،" ތޯރިގު ވިދާޅުވި އެވެ. "އަމާޒަކަށް ވެގެންދާނީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭސް ލިބޭނޭ އިންތިޒާމްތަކެއް ހަމަޖެހި، އަދި ބޭސް އާންމު ގޮތެއްގައި ގަންނަން ލިބެން ހުންނަ އަގަށް ވެސް ހެޔޮ ބަދަލުތެކެއް އައުން،"