މާލޭ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބަންދުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ތިން މީހަކު ފުލުހުން އަތުލައިގެންފި އެވެ.

މަސްތުވާތަކެތި ބަންދުކުރަން ތިއްބައި ތިން މީހަކު އަތުލައިގަތީ މއ. ކުދިބަތްގެއިންނެވެ. އެގެއަށް ފުލުހުން ވަނީ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުނެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުންގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް 25 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ކުދިބަތްގެ އަށް ފުލުހުން ވަތްއިރު އެ ތިން މީހުން ތިބީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ބަންދުކުރުމުގެ މަސައްކަތުގަ އެވެ. އަދި ފުލުހުން އެގެއަށް ވަނުމާއި އެކު އެ މީހުން ފިލަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުންޏެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ގެ ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުދި ރަބަރު ޕެކެޓްތަކެއްގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށްޓަކައި ބޭނުން ކުރާ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.