މ. ނައިންހައުސް ޒުންނަވާރު ސަލީމަށް ދޫކޮށްފައިވާ ގާނޫނީ ވަކީލު ކަމުގެ ހުއްދަ އެޓާނީޖެނެރަލްގެ އޮފީހުން ބާތިލް ކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޒުންނަވާރުގެ ހުއްދަ ބާތިލް ކޮށްފައި ވަނީ ޒުންނަވާރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައި، އެ އޮތޯރިޓީން އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ "ބެޗްލާ އޮފް ލޯ" ސެޓްފިކެޓާއި ޖީސީއީ އޯ ލެވެލް ސެޓްފިކެޓާއި ޖީސީއީ އޭ ލެވެލް ސެޓްފިކެޓަކީ ފޯޖުކޮށްފައިވާ ސައްޚަނޫން ސެޓްފިކެޓުތަކެއްކަން އެނގުމުން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޒުންނަވާރަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކޮށްފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓުކޮށްފައިވާ ސެޓްފިކެޓެއް ހުށަހެޅުމުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުގައިވާ ގޮތުގެމަތިން ކަމަށެވެ.

ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް ޒުންނަވާރު އެދިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. އޭނާ އަށް އެ ހުއްދަ ދޫކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.

ޒުންނަވާރާއި ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓު އިއްޔެގެ ވަގުތެއްގައި އެ ކޮމިޝަނުން އެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔަނުގައި ވަނީ ބުނެފަ އެވެ.

ޒުންނަވާރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފަ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ޒުންނަވާރު ހުށަހެޅި ސެޓްފިކެޓުތައް އެކްރެޑިޓް ކުރުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މުވައްޒަފުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބެލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށެވެ.