25 Jul 2013, 16:09
ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
ހައިކޯޓުން އެ އަމުރަށް ތާއީދު ކުރީ މާޒް ސަލީމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ފުލުހުން މާޒް ސަލީމްގެ މައްޗަށް ތުހުމަތު ކުރާ މާރާމާރީ ހިންގުމާއި ރަހީނުކުރުމުގެ މައްސަލައިގައި އޭނާ ބައިވެރިވެފައި އޮތްކަން ބެލެވޭ ވަރުގެ ހެކި ލިބިފައި ނުވާތީ އޭނާ ބަންދުގައި ބަހައްޓާނެތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކުރުމާ އެކު ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މާޒް ސަލީމް ވިދާޅުވީ އޭނާއާ ބެހޭގޮތުން ފުލުހުން މީގެކުރިން ނެރެފައި ވަނީ ދޮގުބަޔާނެއް ކަމަށެވެ.
މާޒް ސަލީމް އާ ބެހޭގޮތުން ދޮގު ބަޔާނެއް ނެރެ އޭނާގެ އަބުރު ގެއްލުވާލަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެންކަމުން ފުލުހުންނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ނިންމާފައިވާ ކަމަށް ވެސް މަޒް ސަލީމް ވިދާޅުވި އެވެ.