ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅައަކުން ޖެހި، މެޗް ބަލަން ސްޓޭޑިއަމްގައި އިން އިނގިރޭސިވިލާތުގެ 11 އަހަރުގެ ފިރިހެން ކުއްޖެއްގެ އަތް ބިނދިއްޖެ އެވެ.
https://www.youtube.com/watch?v=9QDv1sqn478
އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަތް ބިނދުން ކުއްޖާ އަކީ އެ ގައުމުގެ 11 އަހަރުން ދަށުގެ ޗާލީ ސިލްވާޑް ނަމަކަށް ކިޔާ ކުއްޖެ ކަމަށާއި އެކުއްޖާގެ އަތް ބިދުނީ ރެއާލްގެ ޕްރީ ސީޒަން ތައްޔާރީތަކުގައި އިނގިރޭސިވިލާތުގެ ބާންމައުތު ކުލަބާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗެއް ބަލަން އެކުއްޖާ ދަނޑުގެ ސިޑިބަރީގައި އިސީދެ އިންދާ، މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ފޮނުވާލި ބާރު ޖެހުމަކުންނެވެ. އަދި އެމެޗް ރެއާލް އިން ކާމިޔާބު ކުރީ 6-0 ލަނޑުންނެވެ.

ރޮނާލްޑޯ ޖެހި ހިލޭޖެހުމުން ހަތް ބިދުނު 11 އަހަރުގެ ޗާލީ އިނގިރޭސީ މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި ބުނީ، އެ މެޗް ބަލަން ދަނޑުގައި އިނީ ވަރަށް ޝައުގުވެރި ކަމާއެކު ކަމަށާއި އަދި އަތް ބިދުނީ މެޗުގެ ކުރީ ކޮޅު ރެއާލްއަށް ލިބުނު ހިލޭ ޖެހުމެއްގައި ރޮނާލްޑޯ ފޮނުވާލި ބާރު ބޯޅައިގައި ޖެހި ކަމަށެވެ.

"މިއީ އަހަރެން ރެއާލްގެ މެޗެއް ބެލި ފުރަތަމަ ފަހަރު. އަހަރެންގެ އަތް ބިދުނީ އެ ބޯޅަ އަހަރެންނާ ދިމާލަށް އަންނާތީ އެބޯޅަ މާތިރިކުރަން އަހަރެންގެ އަތް ދިއްކޮށްލުމުން. އަހަރެން އެ ބޯޅަ ދިފާއު ކުރަން އަތް ނުނެގިނަމަ އަހަރެންގެ އަނގަމަތީ ގައި ޖެހި އަނގާގަ ހުރި ދަތްކޮޅު ދާނީ. ބޯޅަ އަތުގައި ޖެހުމުން ވަރަށް ތަދުވި. އެކަމަކު ވެސް މެޗް ނިމެންދެން ދަނޑުގައި އިނީ. ހޮސްޕިޓަލަށް ދިޔައި މެޗް އެއްކޮށް ނިމުމުން،" ޗާލީ ބުންޏެވެ.

ޗާލީ ބުނީ، އޭނަގެ އަތް ބިދުނު ހަބަރު ރެއާލްގެ ރައީސްއަށް ލިބުމުން އޭނާއަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ގުޅާ ހާލު ބެއްލެވި ކަމަށާއި ރޮނާލްޑޯގެ ހަދިޔާއެއް އޭނައަށް ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.