25 Jul 2013, 14:47
ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިލޭ އަންހެނުންތަކަކާއި ބަދުއަހްލާގީ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލަ ކަމާއި ބެހޭ މުއައްސަސާތަކުން އަވަހަށް ތަހުގީގް ކޮށް ނިންމުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ އިސްތަރުޖަމާން ކަމަށް މިއަދު އައްޔަން ކުރެއްވި އަލީ ޒާހިރު ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓްގެ ފަނޑިޔާރެއްގެ މައްޗަށް އެފަދަ ތުހުމަތު ތަކެއް ކުރެވޭތީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ވީހާ ވެސް އަވަހަކަށް ބަލައި ތަހިގީގު ކޮށް ނިންމުމަށް އަދާލަތު ޕާޓީން ގޮވާލެއްވި އެވެ.
"އަޅަގަނޑު މިވަގުތު އެ މައްސަލާގައި ކޮމެންޓެއް ކުރާކަށް ނެތިން. އެ މައްސަލަ މިހާރު ދަނީ ކަމާއި ގުޅޭ މުއައްސަސާތަކުން ތަހުގީގު ކުރަމުން. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން. ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވޭތީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވޭ. އެހެން ކަމުން އަޅުގަނޑުމެން އެ ކަމާއި ގުޅުން ހުރި މުއްސަސާތަކަށް އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލައި ތަހުގީގުކޮށް ނިންމުމަށް،" މަންނާން ވިދާޅުވި އެވެ.
އިސްތަރުޖަމާން ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ތަހުގީގު ނިންމުމަށް ފަހު، ކަމާއި ގުޅޭ މުއައްސަސާތަކުން ނިންމާ ކޮންމެ ނިންމުމަކަށް އެ ޕާޓީން އިހްތިރާމް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ކަމާއި ގުޅިގެން ނިންމާ ކޮންމެ ނިންމުމެއް ވެސް އެ ޕާޓީން ބަލައިގަންނާނެ ކަމަށެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ހާރީޖީ ކަންތައްތަކާ މިއަދު ހަވާލުވެވަޑައިގެންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަދާލަތު ޕާޓީ ރައީސް ވަހީދުގެ ކޯލިޝަނުން ވަކިވި ކަމުގައި ވިޔަސް އެ ޕާޓީން ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ ސަރުކާރުގެ ހިންގުމަށް ދަތިވާ އެއްވެސް ކަމެއް މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން ނުކުރުމަށް އެދޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ މަގުސަދަކީ އެންމެ މަގުސަދެއް ކަމަށާއި އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ވެރިކަމަށް އަޔަނުދިނުން ކަމަށެވެ. އަދި ވިދާޅުވީ އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އަދާލަތު ޕާޓީގެ އިސްތަރުޖަމާން ކަމުން ޝަހީމް އިސްތިއުފާ ދެއްވިކަން ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ބަދަލުގައި އަލީ ޒާހިރު އެ ޕާޓީގެ އިސްތަރުޖަމާން ކަމަށް ހަމަޖެއްސި އެވެ. މީގެ އިތުރުން އެ ޕާޓީގެ ހާރިޖީ ކަންތައްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓަރު ޝަހީމްއާ ވަނީ ހަވާލު ކުރައްވާފަ އެވެ.