25 Jul 2013, 14:29
އެމްޑީޕީ ސަޕޯޓަރުންތަކެއް ހދ. ކުރިނބީ ބަނދަރުގައި ރީދޫ ކުލަ ލާފައިވަނިކޮށް، އެ ރަށު ޕީޕީއެމްގެ ކެންޕެއިން ޓީމުން ބަނދަރުގައި ކުލަ ބަދަލުކުރަން އުޅޭ ކަމަށް ހީކޮށް ދެބައި މީހުންގެ ދެމެދުގައި މާރާމާރީއެއް ހިންގައި އެކިވަރުގެ އަނިޔާވެއްޖެ އެވެ.
ކުރިނބީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހް މިއަދު ވިދާޅުވީ ބަނދަރު ސަރަހައްދުގައި ޕީޕީއެމްގެ ކެމްޕެއިން ޓީމް ރަށު ތެރޭގައި ޕީޕީއެމްގެ ދިދަ ދަމާ ރަށުތެރެ ޒީނަތްތެރިކުުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ދެތިން ރޭ ވެއްޖެ ކަމަށާއި ރޭ 3:15 އެހާކަންހާ އިރު އެމާރާމާރީ ހިނގީ ޕީޕީއެމްގެ ކެމްޕެއިން ޓީމުން ޖެޓީމަތީގައި ބަހައްޓާފައި ހުރި ކުލަ ހުސްކުރި ޕާޓާއެއް ފެނިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ގާތްގަނޑަކަށް 15 ވަރަކަށް ސަޕޯޓަރުން މަސައްކަތް ކުރަމުން ގެންދިޔައީ ޖެޓީ ސަރަހައްދުގައި ޕީޕީއެމްގެ ދިދަ ދަމައި އެ ސަރަހައްދު ޒީނަތްތެރިކުރެވޭތޯ ކަމަށެވެ. އެވަގުތު އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް އައިސް ޒުވާބުކޮށް މާރާމާރީ ހިންގައި ހެދީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމާރާމާރީގައި އޭނާ އަށާއި ބައެއް މީހުންނަށް ކުދިކުދި އަނިޔާ ލިބިފައިވީ ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްޔެ ރޭގެ ވަގުތެއްގައި އެމްޑީޕީ އަށް ތާއީދު ކުރާ ބަޔަކު އޮތީ މުޅި ވާޓަރު (ޖެޓީ) މަތީގައި އެކީ ރީދޫ ކުލަ ލައިފައި. ދެން ރޭ ޕީޕީއެމްގެ ކެންޕެއިން ޓީމުން އެ ސަރަހައްދުގައި ޕީޕީއެމްގެ ފޮތި ދަމަމުން ގެންދަނިކޮށް، ވާޓަރު މަތީގައި ބަހައްޓާފައި ހުރި ކުލަ ހުސްކުރި ޕާޓީއެއް ފެނިގެން އައިސް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ކުލައެއް ނުލެވޭނެ ކަމަށް ބުނެ ޒުވާބުކޮށް ތަޅައިގަތީ،" އަފްރާހު ވިދާޅުވި އެވެ.
ކުރިނބީ ބަނދަރުގައި ހުއްދަ ނުހޯދައި ރީދޫ ކުލަލާފައިވާ މައްސަލާގައި އެ ރަށުގެ އެމްޑީޕީގެ ގޮފީގެ ރައީސް އިއްޔެ ވަނީ އެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ބަނދަރުގައި ކުލަލުމުގެ މަސައްކަތްކޮށްފައި ވަނީ އެމްޑީޕީން ނޫން ބުނެފައިވާ ކަމަށް ވެސް އެ ރަށު ކައުންސިލުން ބުންޏެވެ.
"ބަނދަރުގައި ލާފައިވާ ރީދޫ ކުލަ ދޮވެލަން ޖެހިއްޖެ ނަމަ އަޅުގަނޑުމެން އެ ކުލަ ދޮވެލާނެ ކަމަށް އޮންނާނީ މިރަށުގެ އެމްޑީޕީ ގޮފީގެ ރައީސް އަށް އަންގައިފައި، އެމްޑީޕީން ބުނި އެއީ ޕާޓީން ކުރި ކަމެއް ނޫނޭ، އެއްވެސް މައްސަލައެއް ނެތޭ ކުލަތައް ދޮވެލިޔަސް،" އޭނާ ވިދާޅުވި އެވެ.