ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ދިޔަ ނުދީ އެމްޑީޕީން ހުރަސް އަޅަމުންދަނީ ޗުއްޓީ ތެރޭގައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް މަޖިލީހުގެ މެންބަރުން ގަތުމަށް ކަމަށް ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަހުމަދު މަހުލޫފު ތުހުމަތު ކުރައްވައި ވާހަކަ ދައްކަވައިފި އެވެ.  


ޑީއާރްޕީ އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މަހުލޫފު މިއަދު ވިދާޅުވީ އިއްޔެ ވެސް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންގޮސް ދިނުމަށް އެދެމުން ދަނިކޮށް އެމްޑީޕީން ހުއްޓުވައިލި ކަމަށާއި މިއަދު ވެސް ޖަލްސާ ފެށުނު އިރު ޖަލްސާ ކުރިޔަށް ގެންދާނެ ކަމުގެ ކުލަވަރު ދެއްކުމަށް ފަހު ހުއްޓުވައިލީ އެމްޑީޕީން ކަމަށެވެ.


އޭނާ ވިދާޅުވީ އެމްޑީޕީން ބޭނުން ވަނީ ޗުޓީ ތެރޭގައި ފައިސާ ދީގެން މެންބަރުން ގަތުމަށް ކަމަށާއި އެހެން ވެގެން އެކަމަށް ފުރުސަތު ހޯދުމުގެ ގޮތުން ޖަލްސާތައް ކުރިޔަށް ގެންދިޔަ ނުދެނީ ކަމަށެވެ. އަދި ވިދާޅުވީ ރޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނަށް ފޮނުވި އެސްއެމްއެސްއެއް އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށާއި އޭގައި، "ވޯޓާ ހަމައަށް ޖަލްސާ ކުރިޔަަށް ގެންދިޔަ ދޭންވާނެ" ކަމަށައި "ވޯޓާ ހަމައަށް ދާއިރަށް މަޖިލިސް ހުއްޓުވައިލަންވާނެ" ކަމަށް މޫސާ މަނިކު ވިދާޅުވެފައިވާ ކަމަށެވެ.


"އެހެންވީމާ އިހުލާސްތެރިކަމެއް ނެތް! ރައްޔިތުންނަށް ކަނޑައެޅިގެން އޮޅުވާލައިގެން މިއުޅެނީ. އަޣުލަބިއްޔަތު ނެތީމަ މި ކުރާ ކަމަކީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދި ނުދެނީ،" މަހުލޫފު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ނޮވެމްބަރު 11 އިގެ ކުރިން އެއްވެސް ވޯޓެއް ނެގިޔަދޭން އެމްޑީޕީ ބޭނުން ނުވާ ކަމަށާއި އޭގެ ފަހުން ޖަލްސާތައް 22 ގައި ފެށުމުގެ ކުރިން އެމްޑީޕީގެ ހުރިހާ ވެސް މަސައްކަތަކަށް ވެފައި ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ދީގެން މެންބަރުން ހޯދުމަށް ކަމަށެވެ.


މަހުލޫފު ވިދާޅުވީ މީގެ އެއް މަސް ކުރިން އޭނާ އަށް 2.1 މިލިޔަން ޑޮލަރު އެމްޑީޕީން ހުށަހަޅާފައިވާ ކަމަށާއި އެ އަދަދަށް ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފަށާއި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދަށާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނަށް ވެސް ފައިސާ ހުށަހެޅި ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގައި ތިއްބަވާ އެހެން ބައެއް އަމިއްލަ މެންބަރުންނަށް ވެސް އެމްޑީޕީން ފައިސާ ހުށަހަޅަމުން ދާ ކަމަށެވެ.


މަހުލޫފު ވިދާޅުވީ  ބަންދު ތެރޭގައި ކިތަންމެ ވަރަކަށް ފައިސާ ހުށަހެޅި ނަމަވެސް އިދިކޮޅުގައި ތިއްބެވި މެންބަރުން އެމްޑީޕީއާ ނުގުޅޭނެ ކަމަށެވެ.


އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު މިއަދު ވިދާޅުވީ އެ ޕާޓީގެ ޕާލެމެންޓްރީ ގްރޫޕުގް މެންބަރުންނަށް އޭނަ ތަފާތު އެސްއެމްއެސްތައް ފޮނުވާ ކަމަށާއި އެއީ އަކީ "މަހުލޫފާ ބެހޭ ކަމެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ "މަހުލޫފަކީ އެމްޑޫޕީއަށް ބޭނުންވާ ފެންވަރުގެ  ބޭފުޅެއް ނޫން" ކަމަށާއި "މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން މެންބަރުން ގަތުމަށް އެމްޑީޕީން އެންމެ ލޯ ލާރިއެއް ވެސް ހަރަދު ނުކުރާނެ" ކަމަށެވެ.


މޫސާ ވިދާޅުވީ މަހުލޫފާއި އަލީ ވަހިދާއި ނިހާނަކީ "ސިޔާސީ ގޮތުން މޮޔެވެގެން އުޅޭ ކުދިންކޮޅެއް" ކަމަށާއި މޮޔައިން އެކަހަލަ ވާތައް ދައްކައި އުޅޭނެ ކަމަށެވެ.