ގައުމީ ޕާޓީގެ ނާއިބު ރައީސް އިމާދު ސޯލިހު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްޓަރީ މަސްއޫދު އިމާދު މިއަދު ސަން އަށް ވިދާޅުވީ އިމާދު މިއަދު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

އިމާދު ސޯލިހު ހުންނެވީ ޑީއާރުޕީގެ ސްލޮޓެއްގަ އެވެ.

އިމާދު މަގާމުން ވަކި ކުރެއްވުމަށް އެދިވަޑައިގެންފައި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި، ރައީސް މުހައްމަދު ވަހީދުގެ ރަނިން މޭޓް އަދި ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އެވެ.

ރައީސް ވަހީދު ލީޑް ކުރައްވާ "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ގައުމީ ޕާޓީ އޮތް އިރު، އިމާދަކީ އެ ކޯލިޝަންގެ މެމްބަރެކެވެ. ނަމަވެސް އެ ކޯލިޝަނުން ގައުމީ ޕާޓީ ވަކިވެ، ޖުމްހޫރީ ޕާޓީ އާ ގުޅުމަށް ފަހު އިމާދު މަސައްކަތް ކުރައްވަނީ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ޖުމްހޫރީ ގުޅުމާ އެކު އެވެ.

ގައުމީ ޕާޓީގެ އޮފިޝަލަކު ސަން އަށް އިއްޔެ ވިދާޅުވީ އިމާދު އަދާ ކުރައްވާ މަގާމަކީ ޑީއާރުޕީގެ ސްލޮޓެއްގެ މަގާމަކަށް ވިއަސް، ގައުމީ ޕާޓީގެ ވަރަށް ގިނަ ސްލޮޓްތައް އަދި ހުހަށް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރާއި އަދި އެ އިކޮނަމިކް މިނިސްޓްރީގެ ސިޔާސީ މަގާމެއް އޮންނާނެ ކަމަށެވެ. އެހެން ކަމާ އެކު އެއީ މައްސަލައަކަށް ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގައި ގައުމީ ޕާޓީ ތަމްސީލު ކުރި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ އަމީން އާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު، އެ ބޭފުޅުން ޕާޓީ ބަދަލުކުރުމުން ވަނީ ވަކިކޮށްފަ އެވެ.