25 Jul 2013, 14:15
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި ޒުންނަވާރު ސަލީމް ސައްޚަނޫން ބެޗުލާ އޮފް ލޯ ސެޓްފިކެޓެއް ހުށަހެޅުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ސެޓްފިކެޓް އެކްރެޑިޓް ކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަލަންވާރަށް ނުބަލައި ޒުންނަވާރު ހުށަހެޅި ސެޓްފިކެޓް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްދީފައި ވާތީ އެކަމުގައި އެތަނުގެ މުވައްޒަފުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވޭތޯ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެކްރެޑިޓް ކުރި ސެޓްފިކެޓުތައް ބާތިލް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަށް އަންގާފައިވާ އިރު ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ ސެޓްފިކެޓު އިޝޫކޮށްފައިވާ ކަމަށް ބުނާ ޔުނިވާސިޓީ އޮފް އީސްޓު ލަންޑަނާއި ޒުންނަވާރު ކިޔެވިކަމަށް ބުނާ މެލޭޝިޔާގެ ސްޓެމްފާޑު ކޮލެޖުން އެ ސެޓްފިކެޓަކީ ސައްޚަ ނޫން ސެޓްފިކެޓެއް ކަމަށް ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ޒުންނަވާރު ސަލީމު ދުވަހަކު ވެސް ސްޓެމްފާޑު ކޮލެޖުގައި ރަޖިސްޓްރީ ވެފައިނުވާ ކަމަށް އެކޮލެޖުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށާއި ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންގެ ނަމުގައި އިޝޫކޮށްފައިވާ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓަކީ ފޯޖު ޑޮކިއުމެންޓްތަކެއް ކަމަށް އެޔުނިވަރސިޓީން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ޒުންނަވާރު ސަލީމުގެ ރިކޯޑެއް އެ ޔުނިވާސިޓީގެ ޑާޓާބޭސްގައި ނެތްކަމަށާއި ދުވަހަކުވެސް އެ ޔުނިވަރސިޓީގައި އޭނާ ކިޔަވާފައި ނުވާކަމަށް އެޔުނިވަރސިޓީން ތަހުގީގަށް މައުލޫމާތު ދީފައިވާކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ޒުންނަވާރު ކިޔެވިކަމަށް ބުނާ ކޯހަކީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ސްޓެމްފާޑު ކޮލެޖުގައި އޮފާ ކުރާ ކޯހެއްވެސް ނޫން ކަމަށް އެ ޔުނިވަރސިޓީން މައުލޫމާތު ދީފައިވާ ކަމަށާއި ޒުންނަވާރު ސަލީމު ބެޗްލާ އޮފް ލޯ ސެޓްފިކެޓް ހާސިލް ކުރުމަށްޓަކައި މެލޭޝިޔާގައި ދެ އަހަރު ވަންދެން ހުރިކަމަށް ތަހުގީގުގައި އޭނާ ބުނެފައިވާ ކަމަށެވެ.
ޒުންނަވާރު އެގޮތަށް ބުނާއިރު ކޯހުގެ ޓްރާންސްކްރިޕްޓްގައިވެސް ފުލްޓައިމްކޮށް 2005 އަދި 2006 ވަނަ އަހަރު ކިޔެވިކަމަށް ބުނެފައިވާ ކަމަށާއި ރާއްޖެއިން ބޭރަށް ޒުންނަވާރު އެދުވަސްވަރު ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް ބެލިބެލުމުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ރެކޯޑު ތަކުން ދައްކާގޮތުގައި 2005 ވަނަ އަހަރު ޒުންނަވާރު ރާއްޖެ އިން ބޭރަށް ދަތުރެއްކޮށްފައި ވަނީ ހަ ދުވަހަށް ކަމާއި 2006 ވަނަ އަހަރު އޭނާ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވަނީ ހަތަރު ފަހަރެއްގެ މަތިން 25 ދުވަހަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ޓްރާންސްކްރިޕްޓްގައިވާ ތާރީޚްތަކާއި ޒުންނަވާރު ސަލީމު ރާއްޖެ އިން ބޭރުގައި ހޭދަކޮށްފައިވާ ތާރީޚްތަކާ ދިމާނުވާކަން ފާހަގަކުރެވެ އެވެ،" އޭސީސީގެ ބަޔާނުގައި ވަނީބުނެފަ އެވެ.
ޒުންނަވާރު ސެޓްފިކެޓް އެކްރެޑިޓް ކުރުމަށް ހުށަހެޅި އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކަކީވެސް ސައްޚަ ސެޓްފިކެޓްތަކެއް ނޫން ކަމަށް އެ ސެޓްފިކެޓްތައް އިޝޫކުރިކަމަށް ބުނާ މެލޭޝިޔާގެ ސަންވޭ ޔުނިވާސިޓީ ކޮލެޖުން ތަހޫގީގަށް މައުލޫމާތުދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ޒުންނަވާރު ސަލީމު ދުވަހަކު ވެސް އެކޮލެޖުގައި ކިޔަވާފައިނުވާ ކަމަށާއި، އެކޮލެޖުން އޯލެވެލް އޮފަރ ނުވެސް ކުރާ ކަމަށް މެލޭޝިޔާގެ ސަންވޭ ޔުނިވަރސިޓީ ކޮލެޖުން މިކޮމިޝަނަށް މަޢުލޫމާތު ދީފައިވެ އެވެ. އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓާއެކު އެޓޭޗްކޮށްފައިވާ އޭލެވެލް އަދި އޯލެވެލް ފުރިހަމަ ކުރިކަމުގެ ލިޔުމުގައިވާ ޕާސްޕޯޓް ނަންބަރުތަކުގެ، ޕާސްޕޯޓްތައް އިޝޫކުރި ތާރީޚްތަކާއި އިސްވެ ބަޔާންކުރެވުނު އޯލެވެލް އަދި އޭލެވެލް ފުރިހަމަ ކުރިކަމުގެ ލިޔުންތައް އިޝޫކޮށްފައިވާ ތާރީޚްތަކާ ދިމާނުވާކަންވެސް ފާހަގަކުރެވިފައިވެ އެވެ." އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ޒުންނަވާރަކީ 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެއިންތިހާބުގައި ވާދަ ކުރައްވައި ނާކާމިޔާބު ވެވަޑައިގެންނެވި ބޭފުޅެކެވެ.