އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން އިންޑިއާގެ ޖީއެމްއާރަށް ލޯނު ދޫކުރި އެކްސިސް ބޭންކުން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން ޑިސެމްބަރު މަހު ފަށާނެ ކަމަށް ވާހަކަ ދައްކަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަންއާ ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެކްސިސް ބޭންކުން ޖީއެމްއާރަށް ދޫކުރި 160 މިލިއަން ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ޑިސެމްބަރު ނުފެށޭނެ ކަމަށެވެ.

"އެ މައްސަލައިގެ ޓައިމް ޓޭބަލްގެ ވާހަކަ ދައްކަނީ ރަނގަޅަކަށް ނޫން. އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް އިންޑިއާގެ މީޑިއާތަކުން ފަތުރައިގެން އުޅޭ ވާހަކައެއް. އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން އެ ޕްރޮސެސް އެބަ ހިނގާ. އެކަމަކު ޖީއެމްއާރުގެ މައްސަލަ އާބިޓްރޭޝަނުން ނުނިމެނީސް އެ މައްސަލަ ނުފެށޭނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އޮފިޝަލް ވިދާޅުވީ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމާތު މީޑިއާއަށް ހާމަނުކުރަނީ އެކަމާ ބެހޭ ގޮތުން ސިއްރު ހިފެހެއްޓުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވެފައި ވާތީ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުން އޮތީ އަންނަ އަހަރުގެ އޭޕްރިލް މަހު އެވެ.

އިންޑިއާގެ ނޫސްތަކުގައި އިއްޔެ ބުނެފައި ވަނީ އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ލޯނު ދިން އެކްސިސް ބޭންކުގެ ސިންގަޕޫރު ބްރާންޗުން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ޑިސެމްބަރު މަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި ޖީއެމްއާރަށް ދޫކުރި 160 މިލިއަން ޑޮލަރު ހޯދުމަށް އާބިޓްރޭޝަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އާބިޓްރޭޓަރުން އަންނަ ސެޕްޓެމްބަރު މަހު ކަނޑައަޅާނެ ކަމަށް ބުނެފައިވެ އެވެ.

ޖީއެމްއާރަށް އެ ބޭންކުން ލޯނު ދީފައި ވަނީ ދިވެހި ސަރުކާރުން ދިން ގެރެންޓީއަކާ ގުޅިގެންނެވެ. އަދި އެ ލޯނު ނުދެއްކޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމަށް ޒިންމާވާން ޖެހެނީ ދިވެހި ސަރުކާރުންނެވެ. ޖީއެމްއާރުގެ އެއްބަސްވުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން އުވާލުމާ އެކު އެ ފައިސާ ދެއްކުމަށް އެކްސިސް ބޭންކުން ހުށަހަޅާފައިވެ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއީ އެ ބޭންކަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.