ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރާ އޮފީސްތައް ބަންދުކޮށް މުވައްޒަފުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅާ ފަރާތްތަކާ މެދު ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) ދީފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން ސޮއިކުރައްވައި މިއަދު ނެރުއްވި ސާކިއުލާއެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް ސިވިލް ސާވިސް މުވައްޒަފުން މަސައްކަތްކުރާ ދައުލަތުގެ އޮފީސްތަކުގެ މަސައްކަތް ހުއްޓުވާލައި އެކި ފަރާތްތަކުން އެތަން ބަންދުކުރަމުން ގެންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ވެސް އެ ސާކިއުލާގައި ވަނީ ބުނެފަ އެވެ.

ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުން ދައުލަތުގެ މުވައްޒިފެއްގެ ވާޖިބަށް ގަސްދުގައި ހުރަސްއަޅައިފި މީހަކު ކުށްވެރިވާނެ ކަމަށާއި އެހެންކަމުން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ކަމާ ބެހޭ މުއައްސަސާތައް މެދުވެރިކޮށް ފިޔަވަޅު އަޅަންޖެހިދާނެ ކަމަށް އެ ސާކިއުލާގައި ވަނީ އާންމުކޮށް އަންގާފަ އެވެ.