25 Jul 2013, 13:30
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންނާ އިންޑިއާގެ އެކްސާޓަނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ބައްދަލުކުރައްވައިފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ބުނީ، ޝްރިންގްލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާ ބައްދަލުކުރެއްވި ކަމަށެވެ.
އިންޑިއަން ހައިކޮމިޝަނުން ބުނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އިންޑިއާ އިން އެއްބާރުލުން ދޭނެ ކަމަށާއި ސުލްހަ މަސަލަސްކަންމަތީ ރާއްޖެ ދެމެހެއްޓުމަށް އިންޑިއާ އިން އެދޭ ކަމުގައި ހުރިހާ ކެންޑިޑޭޓުންނަށް ދެންނެވި ކަމަށެވެ. އަދި ރާއްޖޭގައި އޮންނަ އިންތިހާބަށް ސުލްހަވެރި މާހައުލެއް ގާއިމްކޮށް، މިނިވަން އަދި މުސްތަގިއްލު އިންތިހާބެއް ބޭއްވުމުގެ މުހިންމުކަމާއި ވެރިކަން ބަދަލުވުމުގެ ކަންތައްތައް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭގޮތުން ހުރިހާ ރިޔާސީ ކެންޑިޑޭޓުންނާ އެކު މަޝްވަރާކުރެއްވި ކަމަށް ވެސް ހައި ކޮމިޝަނުން ބުނެފައިވެ އެވެ.
ރައީސް ވަހީދުގެ އަރިހަށް އޭނާ ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ދިވެހި ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގާތް، ރަހުމަތްތެރި އަދި ޒަމާންވީ ގުޅުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ. އަދި ދިވެހިރައްޔިތުންނަށް އިންޑިއާ އިންދޭ އެއްބާރުލުމުގެ ޔަގީންކޮށްދެއްވި ކަމަށެވެ. ރައީސް ވަހީދު ވަނީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖޭގެ ކުރިއެރުމާއި ތަރައްގީ އަށް ކެނޑިނޭޅި ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައި އެވެ.
ޖޮއިންޓް ސެކްރެޓަރީ ވަނީ ޑިފެންސް މިނިސްޓަރު ރިޓާޔަޑް ކާނަލް މުހައްމަދު ނާޒިމާއި ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބުދުﷲ އާއި ބަންޑާރަ ނައިބު އާޒިމާ ޝަކޫރާ ވެސް ބައްދަލުކުރައްވާފަ އެވެ.