25 Jul 2013, 13:24
ގާނޫނީ ވަކީލުންގެ ޖަމިއްޔާ "މޯލްޑިވްސް ބާ އެސޯސިއޭޝަން" ރަޖިސްޓްރީ ކޮށްފައި ވަނީ ބަންޑާރަ ނާއިބްގެ ލަފާގެ މަތިން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ބާ އެ ސޯސިއޭޝަން ރަޖިސްޓްރީ ކުރުމަށް އެ މިނިސްޓްރީ އަށް ހުށަހަޅާފައި ވަނިކޮށް މި އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެ ޖަމިއްޔާ ރަޖިސްޓްރީ ކުރުމާ ބެހޭ ގޮތުން ބަންޑާރަ ނާއިބުގެ ލަފަޔަކަށް އެ މިނިސްޓްރީން އެދުނު ކަމަށެވެ.
އަދި މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު ބަންޑާރަ ނާއިބް ދެއްވި ލަފާގައި އެ ޖަމިއްޔާ ރަޖިސްޓްރީ ކުރުމަށް އިއުތިރާޒެއް ނެތް ކަމަށާއި ދައުލަތުގެ ބޭނުމަށް "ބާ ކައުންސިލް" މި ނަން ރިޒާވްކޮށްފައި ބޭއްވުމަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންޑާ ނާއިބްގެ ލަފާގެ މަތިން އެ ނަން ރިޒާވް ކޮށްފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަން އެގޮތަށް ހިނގާފައި ވަނިކޮށް މި އަހަރުގެ މެއި މަހުގެ ފަސް ވަނަ ދުވަހު ސުޕްރީމް ކޯޓުން އެ މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގައި ބާ އެސޯސިއޭޝަނަކީ ހަމައެކަނި އެ ޖަމްއިއްޔާގެ މަސްއޫލުވެރިންގެ އެއްޗަކަށް ވެފައި، ވަކި ބަޔަކު އެފަދަ ނަމެއް ބޭނުންކުރުމުން އުފެދިދާނެ އޮޅުންތަކާއި ހަމަނުޖެހުމަށް ރިއާޔަތް ކުރައްވައި އެކަން ބަލައި ދިނުމަށް ހޯމް މިނިސްޓްރީ އަށް ހުށަހެޅުމަށް މި އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ބޭއްވި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ފޮނުވި އެ ސިޓީގެ ޖަވާބުގައި ކަންހިނގާފައިވާ ގޮތް އެ ކޯޓަށް އަންގާފައިވާނެ ކަމަށާއި ބާ އެސޯސިއޭޝަން އުވާލުމަށް ވެސް އަދި އެ ޖަމްއިއްޔާ އާއި މެދު ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓުން އެ މިނިސްޓްރީ އަށް އަންގާފައި ނުވާކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.