25 Jul 2013, 13:18
ރިޔާސީ އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްްޓް ކުރުމުގެ ގައިޑް ލައިނެއް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލައި އެ ގައިޑްލައިނަށް ބްރޯޑްކާސްޓަރުންގެ ހިޔާލު ހޯދުމަށް ފޮނުވައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ "އިންތިހާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިން" އަކީ އިންތިހާބާ ބެހޭ ކަންތައްތަކުގައި ސައްހަ އަދި ތެދު މައުލޫމާތު ހަމަހަމަކަމާ އެކު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް ބްރޯޑްކާސްޓަރުންނަށް މަގު ދައްކައިދިނުމުގެ ގޮތުން އިންޓާނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ގައިޑްލައިނެއް ކަމަށެވެ.
އެކޮމިޝަނުން ބުނީ އެމެރިކާގެ ފަންނީ ތަޖުރިބާކާރެއްގެ އެހީތެރިކަމާ އެކު އެކުލަވާލައިފައިވާ އެ ގައިޑްލައިނަށް ބްރޯޑްކާސްޓަރުންގެ އިތުރުން ކަމާ ބެހޭ ފަރާތްތަކުގެ ހިޔާލު ލިބުމުން ގެންނަން ފެންނަ އިސްލާހުތަކެއް ގެނައުމަށް ފަހު އެ ގައިޑްލައިން ސަރުކާރު ގެޒެޓްގައި ވަރަށް އަވަހަށް ޝާއިއުކުރާނެ ކަމަށެވެ.
ޖުމްލަ 10 މާއްދާގެ މައްޗަށް އެކުލެވޭ މި ގައިޑްލައިން ބްރޯޑްކާސްޓަރުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާ ވެސް ވަނީ ހިއްސާކޮށްފަ އެވެ.