25 Jul 2013, 12:39
އަައްޑޫގައި ބޭއްވި ސާކް ސަމިޓަށް ޝަންގްރިއްލާ ރިސޯޓުން އެކޮމަޑޭޝަން ހަމަޖެއްސުމަށް ފަހު، އެ ރިސޯޓުން ބުކިން ހަދާފައިވާ ކަސްޓަމަރުންގެ ބުކިންތައް ކެންސަލްކުރުމަށް ފަހު ކެންސަލޭޝަނަށް ޗާޖަށް ދެއްކި 5.7 މިލިއަން ރުފިޔާ އިސްރާފުވެފައިވާކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައި ވަނީ ސާކް ސަމިޓަށް ބޭނުންވާނެ ކަމަށް 63 ވިލާއެއް ޝަންގްރިއްލާ ރިސޯޓުން ބުކް ކުރުމަށް ފަހު އެ އަދަދު 70 އަށް އިތުރުކޮށް، އަދި އެންމެ ފަހުން އެ އަދަދު 101އަށް އިތުރުކުރަން ބޭނުންވެގެން ރިސޯޓުގައި އެދުނު އިރު ސަރުކާރުން ކުރިން ބުކްކުރި 70 ވިލާގެ އިތުރަށް ރިސޯޓުގައި ބާކީ ހުރި އެކޮމަޑޭޝަންތަކުގެ ބުކިންސް އެހެން ފަރާތްތަކަށް ދޫކޮށްފައި ވާތީ، ފަހުން އިތުރުކުރުމަށް ބޭނުންވި 31 ވިލާ ރިޒާވްކުރުމަށް އެ ރިސޯޓުގައި ބުކިން ހަދާފައިވާ ކަސްޓަމަރުންގެ ބުކިންތައް ކެންސަލްކުރުމަށް ފަހު ކެންސަލޭޝަނަށް ޗާޖަށް 5.7 މިލިއަން ރުފިޔާ އެ ރިސޯޓަށް ދައްކާފައިވާ ކަމަށެވެ. އަދި އެއީ ކަންކަން ހަރުދަނާ ގޮތުގައި އިންތިޒާމްނުކުރުމުގެ ސަބަބުން އިސްރާފުގެ ގޮތުގައި ދައުލަތުން ހަރަދުކޮށްފައިވާ ފައިސާއެއް ކަމަށާއި އެއީ ދައުލަތުގެ ކަންކަން ރާވާ އިންތިޒާމްކުރުމުގައި ޒިންމާވާން ޖެހޭ ފަރާތްތަކުން އެ ފަރާތްތަކުގެ ޒިންމާއަދާކުރުމުގައި އިންތިހާ އަށް އިހުމާލުވުން ކަމުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވެ އެވެ.
ސާކް ސަމިޓް އައްޑުއާއި ފުވައްމުލަކުގައި ބޭއްވުމަށް ސަމިޓްގެ ކަންތައްތައް އިންތިޒާމްކުރި ބޭފުޅުންނާއި ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ވަފުދުތަކުގެ ބޭފުޅުންގެ އެކޮމަޑޭޝަނަށް ޖުމްލަ 26.3 ހަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ސާކް ސަމިޓާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ހާއްސަ އޮޑިޓް ރިޕޯޓްގައި ވަނީ ސާކް ސަމިޓަށް ވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއި އިސްބޭފުޅުން ތިއްބެވުމުގެ ކަންތައްތައް ދުރާލާ ރަނގަޅަށް އިންތިޒާމް ކުރި ނަމަ ދައުލަތުން ހަރަދު ކުރަން ނުޖެހޭ ގިނަ އަދަދެއްގެ ފައިސާ ކަންކަން ރަނގަޅަށް އިންތިޒާމްނުކުރުމުގެ ސަބަބުން ހަރަދުކުރަން ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކޮމަޑޭޝަނަށް ކުރި ހަރަދުތަކުގެ ތަފުސީލްތައް ދައްކާ ގޮތުން ޝަންގްރިއްލާ ރިސޯޓަށް 13.3 މިލިއަން ރުފިޔާ އަދި ހެރެތެރެ އައިލެންޑް ރިސޯޓަށް 8.6 މިލިއަން ރުފިޔާ، ހަ ސަފާރީގެ އެކޮމަޑޭޝަނަށް ދެ މިލިއަން ރުފިޔާ، އައްޑޫން ދުވަހު ކުއްޔަށް ހިފި ކޮޓަރިތަކުގެ ކުއްޔަށް 1.9 މިލިއަން ރުފިޔާ ފުވައްމުލަކުން ދުވަހު ކުއްޔަށް ހިފި ކޮޓަރިތަކަށް 365،200ރ. އާ އެކު ޖުމްލަ 26.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ސާކް ސަމިޓާ ގުޅިގެން އައްޑުއާއި ފުވައްމުލަކަށް ޒިޔާރަތްކުރި ފަރާތްތައް ބޭތިއްބުމަށް ދުވަހު ކުއްޔަށް ހިފި ކޮޓަރިތަކަށް ޖުމްލަ 2.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެ ކޮޓަރިތައް ކުއްޔަށް ހިފާފައި ވަނީ އާއްމުކޮށް ކުއްޔަށް ދޫކުރާ އަގަށްވުރެ އާދަޔާ ހިލާފު ބޮޑު އަގެއް ކަމަށެވެ. އަދި ބައެއް ކޮޓަރިތައް ކުއްޔަށް ހިފާފައި ވަނީ ސީދާ ގޭގެ ވެރިފަރާތުގެ ބަދަލުގައި ދެވަނަ ފަރާތެއް މެދުވެރިކޮށް ކަމަށްވުމުން އަގު ބޮޑުވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ ހަ ސަފާރީ ބޯޓު ކުއްޔަށް ހިފުމަށް ދެ މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު ސަފާރީތަކުގައި މީހުން ބޭތިއްބުމުގެ ސަބަބުން މީހަކަށް ދުވާލަކަށް 3،800ރ. ހަރަދުކޮށްފައިވާ ކަން ފާހަގަކުރެވުނު ކަމަށެވެ. އެ ސަފާރީތައް ކުއްޔަށް ހިފާފައި ވަނީ ގަވައިދުގައިވާ ގޮތަށް އިއުލާންކޮށްގެން ނޫން ކަމަށާއި އަދި އެއަށް އެޑްވާންސް ފައިސާ ދައްކާފައި ވަނީ ވެސް ގަވައިދާ އެއްގޮތަށް ނޫން ކަމަށް ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ނޮވެމްބަރު 7، 2011ން 12 ނޮވެމްބަރުގެ ނިޔަލަށް އެ ސަފާރީތައް ކުއްޔަށް ހިފިއިރު އޭގައި ބޭތިއްބީ ކޮން ބައެއްކަން އެނގެން ނެތް ކަމަށެވެ.