25 Jul 2013, 12:30
ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ މީހުންގެ ރަޖިސްޓްރޭޝަން ފޯމް ބަންދު ދުވަސްތަކުގައި ވެސް ބަލައިގެންނަ ގޮތަށް ހަމަޖައްސައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާދަމަ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކާއި ހޮނިހިރު ދަވަހަކު ރަޖިސްޓްރޭޝަން ފޯމް ބަލައިގަތުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ފޯމްތައް ބަލައިގަންނާނީ ހުކުރު ދުވަހުގެ ރޭގަނޑު 21:00 އިން 22:30 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 9:30 އިން 14:00 އަށް ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަންގެ ނައިބް ރައީސް އަހަމަދު ފަޔާޒު މިއަދު ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް މިހާތަނަށް 15،000 މީހުން ރަޖިސްޓްރޭޝަން ފޯމް ފުރާފައިވާ ކަމަށެވެ. މިއަހަރު ގާތްގަނޑަކަށް 50،000 މީހުން ރަޖިސްޓްރީ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޖިސްޓްރޭޝަންގެ މައި މަރުކަޒުގެ ގޮތުގައި ހަމަޖައްސައިފައި ވަނީ (ހަނދުވަރީހިނގުމުގުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ބިލްޑިންގެ ދެކުނު ފަރާތުގައި، ކުރީގެ ގޯޑައުން ހިންގި އިމާރާތުގެ ގްރައުންޑް ފްލޯ)ގައި ފޯމު ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ދީފައިވާ މުުއްދަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި އެ މުއްދަތުގެ ފަހުން އެއްވެސް ފަރާތަކަށް އެ ފުރުސަތު ލިބިގެން ނުދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބްގަައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 239،593 މީހުން ކަަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.