25 Jul 2013, 12:23
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުގައި ގާސިމް އިބްރާހީމަށް ހުންނެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނު (ޖޭއެސްސީ)ގެ 10 ވަނަ މާއްދާގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައި ވަނީ ވަނީ ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ސިޔާސީ މަގާމަކަށް ޖޭއެސްސީގެ މެންބަރަކު ކުރިމަތިލައިފި ނަމަ ޖޭއެސްސީގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެ ގާނޫނުގެ 10 ވަނަ މާއްދާ އާއި ފަސް ވަނަ މާއްދާ ތައާރަޒުވާ ކަމަށެވެ. އެހެންކަމުން އެންމެ ރަނގަޅުގޮތަކީ އެ މައްސަލަ ޝަރުއީ ކޯޓަކަށް ހުށަހަޅައިގެން އެކަމާ މެދު ގޮތެއް ކަނޑައެޅުން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަލީ ހުސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާސިމް ކުރިމަތިލައްވާފައި ވާތީ ޖޭއެސްސީގެ މެމްބަރުކަމުގެ ޝަރުތު ގާސިމްގެ ކިބައިގައި މިހާރު ނެތް ކަމަށެވެ.
ގާސިމް މަގާމުން ވަކިކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި މަޖިލީހުން އެގޮތަށް ފާސް ނުކޮށްފި ނަމަ ދެންޖެހޭނީ ޝަރުއީ ކޯޓަކަށް އެ މައްސަލަ ހުށަޅަން ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.
ޖޭއެސްސީގެ މެމްބަރު ކަމުގައި ހުންނަވައިގެން ދައްކަވަން ނުޖެހޭ ވަހަކައެއް ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ގާސިމް ދައްކަވާފައިވަ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ މީގެ ކުރިން މަޖިލީހަށް މައްސަލައެއް ވާއްދާފަ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާސިމް ކުރިމަތިލައްވާފައިވާތީ އޭނާ އަށް ޖޭއެސްސީގެ މެމްބަރު ކަމުގައި ހުންނެވިދާނެ ކަމަށް ސުވާލު އުފެދިފައިވާ މައްސަލަ އެއްވެސް މެމްބަރަކު މިހާތަނަށް މަޖިލީހަށް ހުށަހަޅާފައި ނުވެ އެވެ.