09 Nov 2010, 08:07
މި އަހަރު ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ހަ ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހަ ބޭފުޅަކަށާއި ތިން ފަރާތަކަށް ދެއްވާނެ ކަމަށް ޤައުމީ އިނާމާ ބެހޭ ކޮމިޓީ އިން ބުނެފި އެވެ.
ރައީސް އޮފީހުން ބުނީ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާއެއްގައި ކަމަށެވެ. އެބޭފުޅުންނަށް އިނާމު ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޝަރަފްވެރި ކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި ޝަރަފްގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޝަރަފްވެރިކަމުގެ ޤައުމީ އިނާމު އެރުވޭ ހަ ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ، މީގެކުރިން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންފައިވާ ބޭފުޅުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޤައުމީ އިނާމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވި އިރު، 181 ހުށަހެޅުމެއް ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، އިނާމުތައް ދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤައުމާ މުޚާތަބު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވާނީ، އެ ކޮމިޓީގެ ޗެއަމަން އަދި އެކޮނަމިކް މިނިސްޓަރު މަހްމޫދު ރާޒީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.