25 Jul 2013, 11:24
އިސްލާމް އާބާދު (ޖުލައި 25): ޕާކިސްތާނުގެ ދެކުނުގެ ސިންދު ޕްރޮވިންސްގައި އަމިއްލައަށް މަރުވެގެންނާއި ބޮންތަކެއް ގޮއްވާލުމުގެ ސަބަބުން ހަ މީހަކު މަރުވެ 30 މީހަކު ޒަޚަމްވެއްޖެ އެވެ.
ޕާކިސްތާނުގެ ފުލުހުން ބުނާގޮތުން އެ ބޮންތައް ގޮއްވާލާފައި ވަނީ ގޮވާތަކެތި ގައިގައި ހަރުކޮށްގެން ބައެއްމީހުން އަމިއްލައަށް މަރުވެގެންނާއި އެކިތަންތަނުގައި ގޮވާތަކެއްޗާއި ބޮން ހަރުކޮށްގެންނެވެ. މިއީ އަމިއްލައަށް ތައްޔާރުކޮށްފައިވާ ބޮންތަކެއް ކަމަށް ބެލެވޭ ކަމަށާ މިބޮންތަކާއި އަމިއްލައަށް މަރުވެގެން ދިން ޙަމަލާތައް އަމާޒުކޮށްފައި ވަނީ ސިންދު ޕްރޮވިންސްގައި ހުންނަ ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައިއެސްއައިގެ މަރުކަޒަކަށް ކަމަށް ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ ފުލުހުން ބުނެ އެވެ. ޒަޚަމްވީ މީހުންނަށް ކައިރީގައިވާ ހޮސްޕިޓަލަކުން ފަރުވާދެމުން ގެންދާ ކަމަށް ރިޕޯޓްތައްބުނެ އެވެ.
ސިންދު ޕްރޮވިންސްގައި ހުންނަ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ މަރުކަޒަށް ދިން މި ޙަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއްނުވެ އެވެ. ނަމަވެސް މިއީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުންގެ ޙަމަލާތަކެއް ކަމަށް ލަފާކުރެވޭ ކަމަށް އެގައުމުގެ ފުލުހުން ބުނެ އެވެ. ބޮމާއި އަމިއްލައަށް މަރުވުމުގެ މިޙަމަލާތަކުގައި ސިންދުގައި ހުންނަ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ މަރުކަޒުގެ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޚަބަރު ލިބެ އެވެ.(ބީބީސީ)