ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ސިޓީގައި ސާކް ސަމިޓް ބާއްވަން ކުރި ތައްޔާރީތަކުގައި ސިފައިންނާއި ފުލުހުންލައްވައި މަސައްކަތް ކުރުމަށް ފަހު އެހެން ބަޔަކަށް ފައިސާ ދިން މައްސަލަ އަވަހަށް ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ސިފައިންނާއި ފުލުހުން އެމީހުންގެ އާއިލާއާ ދުރުގައި އެތައް ދުވަސްތަކެއް ވަންދެން ބޭތިއްބުމަށް ފަހު އެމީހުންލައްވައި ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ފަހު އެއްވެސް މަސައްކަތެއް ނުކުރާ ބަޔަކަށް އެކަމުގެ އުޖޫރަ ދިނުމަކީ އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއީ އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ސިފައިންލައްވައި މަސައްކަތް ކުރުވާފައި ބަޔަކަށް ފައިސާ ދިނުމަކީ ކުރެވިގެންވާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަހަލަ ޖަރީމާތައް ސިފައިންނާއި ފުލުހުންގެ ނަމުގައި ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ އަވަހަށް ތަހުގީގު ކުރުމަށް ފަހު އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބު ދޭންޖެހޭނެ ކަމަށެވެ.

"އެކަން ވީހާ ވެސް އަވަހަކަށް ތަހުގީގުކޮށް އެކަން ކުރި ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭނެ. މިކަހަލަ ޖަރީމާތައް ސިފައިންނާ ފުލުހުންގެ ނަމުގައި ހިންގައިގެންވާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނާޒިމް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީން ބެލިބެލުމުން ސިފައިންނާއި ފުލުހުން ލައްވައި މަސައްކަތް ކުރުވުމަށް ފަހު އެތައް ބަޔަކަށް ނުހައްގުން ފައިސާދީފައިވާކަން އެނގުނު ކަމަށާއި އެ މައުލޫމާތުތައް އޮޑިޓާ ޖެނެރަލްއާ ހިއްސާ ކުރައްވާފައިވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު އެތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ޑިފެންސް މިނިސްޓްރީންދޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ސާކް ސަމިޓަށް ތައްޔާރީތައް ވުމުގެ ގޮތުން ކުރި މަސައްކަތްތައް ސިފައިންނާއި ފުލުހުން ލައްވައި ކުރުވުމަށް ފަހު ނުހައްގުން އެތައް ބަޔަކަށް އެތަކެއް މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓެެއްގައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރުގެ ގޯތި ތެރޭގައި ގާ އެތުރުމާއި ބިންގަނޑު އެއްވަރުކޮށް ހެދުމުގެ މަސައްކަތުގެ 60 ޕަސެންޓް މަސައްކަތް ކުރުވާފައި ވަނީ ފުލުހުންނާއި ސިފައިން ލައްވައި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރުމުގެ ނަމުގައި ސަދަން ޔުޓިލިޓީސް ލިމިޓެޑަށް 5.1 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރުމަށް އޭއައިއާރު ކޮންސްޓްރަކްޝަން އާއި އެސްއާރު ޓްރޭޑިން ކިޔާ ކުންފުންޏަކާ އެކު އެސްޔޫއެލް އިން އެއްބެސްވެ އެ ކުންފުނިތަކަށް ޖުމްލަ 2.10 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ކުންފުންޏަކުން އެ މަސައްކަތް ކުރުމުގައި ބައިވެރިވި ކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައވެ އެވެ.