25 Jul 2013, 10:09
މެޑްރިޑް (ޖުލައި 25): ސްޕޭންގެ އުތުރުގައި ރޭލެއް އޭގެ ދަނގަނޑުން ކައްސާލުމުގެ ސަބަބުން ހިނގި ނުރައްކާތެރި ޙާދިސާއެއްގައި 60 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެ އެވެ.
ސްޕޭންގެ ރޭލްވޭއާ ބެހޭ ކުންފުނި ކަމަށްވާ"ރިނީފް" އިން ބުނީ އެގައުމުގެ އިރު އުތުރުގެ ސިޓީއެއް ކަމަށްވާ ސެންތިޔާގޯ ދި ކޮންބޮސްތީލާގެ ކައިރިން ދަތުރުކުރަމުން ދަނިކޮށް 13 ބައި ހިމެނޭ ދިގު ރޭލެއް ދަނޑަނޑުން ކައްސާލުމުގެ ސަބަބުން 60 މީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެ މާއްދީ ގެއްލުންތަކެއްލިބި ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ ކަމުގަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިޙާދިސާގައި މަރުވެފައިވާ މީހުންގެ ހަށިތައް ވަނީ އެތަންމިތަނަށް ފެތުރިފަ އެވެ. އަދި ބައެއްމީހުންގެ ހަށިތައް ވަނީ ހަލާކުވެފައިވާ ރޭލުގެ ބައިތަކުގެ ދަށުގަ އެވެ. މީހުން ސަލާމަތް ކުރަން މަސައްކަތްކުރާ ޓީމްތަކުން ގެންދަނީ ހަލާކުވެފައިވާ ރޭލުގެ ބައިތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސްޕޭންގެ ސަރުކާރުންވަނީ މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ތަޙްޤީޤް ކުރަންފަށާފައިވާކަން ހާމަކޮށްފަ އެވެ.
މިއީ ފާއިތުވި 40 އަހަރު ތެރޭގައި ސްޕޭންގައި ހިނގި މިބާވަތުގެ އެންމެ ނުރައްކާތެރި ޙާދިސާ ކަމަށް އެގައުމުން ބުނެ އެވެ. (ބީ.ބީ.ސީ)