25 Jul 2013, 10:01
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ލޯނު ދިން އެކްސިސް ބޭންކުގެ ސިންގަޕޫރު ބްރާންޗުން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ޑިސެމްބަރު މަހު ބާއްވަން ހަމަޖައްސައިފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ ޖީއެމްއާރަށް ދޫކުރި 160 މިލިއަން ޑޮލަރު ހޯދުމަށް ދިވެހި ސަރުކާރާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އާބިޓްރޭޓަރުން އަންނަ ސެޕްޓެމްބަރު މަހު ކަނޑައަޅާނެ ކަމަށެވެ.
ޖީއެމްއާރަށް އެ ބޭންކުން ލޯނު ދީފައި ވަނީ ދިވެހި ސަރުކާރުން ދިން ގެރެންޓީއަކާ ގުޅިގެންނެވެ. އަދި އެ ލޯނު ނުދެއްކޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމަށް ޒިންމާވާން ޖެހެނީ ދިވެހި ސަރުކާރުންނެވެ. ޖީއެމްއާރުގެ އެއްބަސްވުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރުން އުވާލުމާ އެކު އެ ފައިސާ ދެއްކުމަށް އެކްސިސް ބޭންކުން ހުށަހަޅާފައިވެ އެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއީ އެ ބޭންކަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ އެއާޕޯޓް ތަރައްގީކުރަން އެކްސިސް ބޭންކުގެ ސިންގަޕޫރު ބްރާންޗުން ޖީއެމްއާރަށް 350 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު އަށް ދޫކުރި ލޯނު އަނބުރާ ނުލިބިއްޖެ ނަމަ 160 މިލިއަން ޑޮލަރު އެ ބޭންކަށް ގެއްލުންވާނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ އެކްސިސް ބޭންކާއި އިންޑިއަން އޯވާސީސް ބޭންކު ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމުން ޖީއެމްއާރަށް 160 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 85 ޕަސެންޓް ދޫކޮށްފައި ވަނީ ސީދާ އެކްސިސް ބޭންކުން ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެކްސިސް ބޭންކުން ބުނެފައި ވަނީ ބޭންކުގެ ޕޮލިސީ އޮންނަ ގޮތުން ކަސްޓަމަރުންނާ ގުޅޭ މައުލޫމާތު ހާމަކުރެވެން ނޯންނަ ކަމަށެވެ.