ޑީއާރްޕީން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަށް ނިސްބަތްވާ ގޮތަށް ޑީއާރުޕީގެ އިސް މެންބަރަކު ހަޑި ހުތުރު ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ އެކަން އެމްޑީޕީން ކުށްވެރި ކޮށްފި އެވެ.
އެމްޑީޕީގެ ސެކްރެޓޭރިއޭޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޖަލްސާގައި ޑީއާރުޕީގެ އިސް މެންބަރަކު ޢަބްދުލްޣަފޫރު މޫސާގެ އިމްތިޔާޒުތަކަށް އަރައިގަނެ ގެއްލުންތައް ލިބޭ ގޮތަށް ހަޑިހުތުރު ވާހަކަތައް ދައްކާފައިވާތީ އެ މައްސަލަ ބައްލަވައި އެ ވާހަކަ ދެއްކި މީހާ އާއި އެ ޖަލްސާ އިންތިޒާމްކޮށް ހިންގި ޑީއާރްޕީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން ޣަފޫރު ވަނީ ފުލުހުންނަށް ވެސް އެ މައްސަލަ ހުށަހަޅުއްވާފައި ކަމަށެވެ.


އެމްޑީޕީން ބުނީ އެ ޕާޓީން ދެކޭ ގޮތުގައި ޑީއާރުޕީގެ މެންބަރުންގެ ކިބައިން ފެންނަމުންދާ "ފިނޑި ޢަމަލުތަކަކީ" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި އެ ބޭފުޅުންނަށް ބިރުދެއްކުމަށް ޤަސްދުގައި ހިންގަމުން ގެންދާ ނާތަހުޒީބު ޢަމަލުތަކެއް ކަމަށެވެ.
އެފަދަ ޢަމަލުތައް ޑީއާރުޕީ އާއި އެ ޕާޓީ އާ ގުޅިފައިވާ ފަރާތްތަކުން ކިތަންމެ ވަރަކަށް ތަކުރާރުކުރަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރުމަށް އެމްޑީޕީގެ މެންބަރުން ކުރަމުންދާ ބުރަ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް ވެސް ސަރުކާރު ހިންގާ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
މިފަދަ ދަނޑިވަޅުތަކުގައި ވެސް، އިދިކޮޅު ފަރާތްތަކަށް ފުރިހަމަ ޑިމޮކްރަސީގެ ނަމޫނާ ދައްކަވައި އާރުކާޓީންގެ ގޮތުގައި އަބަދުމެ ދެމިތިބުމަށް މަސައްކަތްކޮށް، އެމްޑީޕީން ރާއްޖެ އަށް ގެނައި ޑިމޮކްރަސީ ފައްކާކޮށް އެ ޑިމޮކްރަސީގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން މަތީ ދެމިތިބުމަށް އެމްޑީޕީގެ މެންބަރުންނަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.


ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް އޭނާ ވިދާޅުވާ، އިބްރާހިމް ނާޒިމް އާދިއްތަ ދުވަހުން ފެށިގެން ތިން ދުވަހަށް ޖަލުގައި ހައްޔަރުކޮށްފައިވާ ކަމަށް ޑީއާރުޕީން ވަނީ އިއްޔެ ބުނެފަ އެވެ.


ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު އިއްޔެ ވިދާޅުވީ، ފުލުހުން ނާޒިމް ހައްޔަރުކުރީ މައުލޫމާތެއް އޮޅުން ފިލުވުމަށް އޭނާ ހޯދަމުންދާ ކަމަށް ފުލުހުންގެ އިސް ބޭފުޅަކު މަހްލޫފު އަރިހު ވިދާޅުވުމަށް ފަހު މަހްލޫފު ބުނެގެން ނާޒިމު ފުލުސް އޮފީހަށް ދިއުމުން އޭނާ ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުވައިގެން ކަމަށެވެ.


ކުޅުދުއްފުށީގައި ޑީއާރުޕީގެ ގޮތްޕަކުން ބޭއްވި ޖަލްސާއެއްގައި ނާޒިމު ވިދާޅުވީ އޭނާ ސިފައިންގެ ގޭގައި އުޅުއްވި އިރު އަބަދުލްޣަފޫރު މޫސާ މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރި ކުރާ ކަމަށް ތުހުމަތުކޮށް އޭނާގެ އަތުން ނަގާފައިވާ ބަޔާނެއް އޭނާ އަށް ފެނިފައިވާ ކަމަށެވެ.