25 Jul 2013, 02:31
ދިވެހި ރައްޔިތުން ވޯޓު ދީފައި ވަނީ ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން ހިންގުމަށް ކަމަށާއި ނަމަވެސް ގާނޫނު އަސާސީ ހަދާފައި ވަނީ ރިޔާސީ ނިޒާމެއް ހިންގަން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ވަހީދުގެ ގާނޫނީ ވެރިކަން ހަމަހަމަކަމާ އެކު ހިންގުމާ ގުޅޭ ސިޔާސަތު އިފްތިތާހް ކުރުމަށް މިރޭ ސެޓްލެކޯ މާލަމުގައި ބޭއްވި ބައްދަލުވުމުގައި އާންމުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ބައްޓަން ވެފައި ވަނީ ޕާލަމެންޓްރީ ޑިމޮކުރަސީއެއް ހިންމުމަށް ކަމަށް ވާތީ ވެރިކަން ހިންގުމުގައި ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށާއި ރާއްޖޭގައި ހިންގާނީ ރިޔާސީ ނިޒާމެއްތޯ ނޫނީ ޕާލަމެންޓްރީ ނިޒާމެއްތޯ ނިންމަން ޖެހިފައިވާ ކަމަށެވެ.
"ރިޔާސީ ނިޒާމް ހިންގާކަށް ނޫން ގާނޫނު އަސާސީ ހަދާފައި އޮތީ. ގާނޫނު އަސާސީ ހަދާފައި އޮތީ ޕާލަމެންޓްރީ ޑިމޮކްރަސީއެއް ހިންގަން. އެހެންވީމާ އަރައިގެން އުޅޭ ވަރަށް ބޮޑެތި އުނދަގޫތަކެއް މިހުރީ. އަޅުގަނޑުމެން ކޮންމެވެސް ހިސާބަކުން ނިންމަން އެބަޖެހޭ، އަޅުގަނޑުމެން ގައުމުގައި ބާއްވާނީ ޑިމޮކުރަޓިކް ރިޕަބްލިކެއްތޯ ނޫނީ ވިއްޔާ ޕާލަމެންޓްރީ ސިސްޓަމެއްތޯ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު ހިނގަމުންދާ ނިޒާމްގެ ސަބަބުން ރައްޔިތުން މަޖިލީހަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވާ ކަމަށާއި އޭގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ބައެއް ފަހަރު "ޕޯސްޓްމޭން"އެއްގެ މަގާމު ވެސް ފުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މިހާރުގެ ނިޒާމުގައި ރައްޔިތުން މަޖިލީހަށް މިވަނީ ވަރަށް ބޮޑެތި ބާރުތަކެއް ދީފައި. ޕާލަމެންޓްރީ ސިސްޓަމެއްގައި އޮންނަ ގޮތަށް، އެކަމު ޕާލަމެންޓްރީ ސިސްޓަމެއްގައި ހުންނަ ކަހަލަ އެކްޒެކިއުޓިވްއެއް ނެތް. ޕާލަމެންޓްގައި އިންނަ އެގްޒެކްޓިވްއެއް، ޕްރައިމް މިނިސްޓަރެއް ނެތް. ދެން ހުރީ ރައީސުލްޖުމްހޫރިޔާ، ވަކި މުއްސަސާއެއްގޮތަށް. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް މިހުރީ ބައިބައިވެފައި. އެކި ތަންތަނަށް ބަހާލެވިފައި،"
އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަނީ އެކި ބަޔަށް ބެހިފައި ކަމަށާއި އެގޮތަށް ގާނޫނު އަސާސީ ހަދާފައި ވަނީ ސިޔާސީ ކަންތައްތަކެއްގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު އަހަރުތަކުގައި ގާނޫނު އަސާސީ ހަދަމުންދިޔަ މީހުން ވެސް އަދި ރައީސް ނަޝީދު ވެރިކަމުގައި ވެސް ރައްޔިތުން މަޖިލީހުން މަސައްކަތްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކަނޑުވާލުމަށް ކަމަށް އެމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަން ވެފައި އޮތީ ސިޔާސީ ކަމެއްގެ ތެރެއިން. އަޅުގަނޑުމެން ދުސްތޫރީ ތާރީހަށް ބަލާލީމާ އެބައިނގޭ، މައުމޫނު އަބްދުލްގައްޔޫމްގެ ފަހު އަހަރުތަކުގައި ވެސް ގާނޫނު އަސާސީ ހަދަމުންއައިރު މަސައްކަތްކުރީ ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކަނޑުވަލުމަށް، ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް މަދުކުރަން [ކަން]. އަދި މިހާރު ވެސް އެގޮތަށް މަސައްކަތް ކުރަމުން އެގެންދަނީ. އެހެންވީމަ އެގްޒެކްޓިވް ޕްރެސިޑެންސީއެއްގައި، ޑިމޮކުރަޓިކް ރިޕަބްލިކެއްގައި ގައުމެއްގެ އިސްވެރިޔާ އަށް އޮންނަންޖެހޭ ބާރުތަކެއް މިއަދަކު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ނެތް،"
އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ ހަދާފައި ވަނީ ގާނޫނު ކިޔަވައިގެން އައި، ވެރިކަން ހިންގުމުގެ ތަޖުރިބާ ނެތް ބައެއް ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ ނިޒާމް ރަނގަޅަށް އޮމާން ކަންމަތީ ހިނގަމުންނުދާ ސަބަބު ދެނެގަތުމަށް ދިރާސާތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ގެނަން ޖެހޭ ކަމަށާއި އެ ނިޒާމް ރަނގަޅަށް ހިންގުމަށް ކުރިއަށް އޮތް ފަސް އަހަރު ދުވަސް ތެރޭގައި އެމަނިކުފާނު އެކަން ކުރައްވާނެ ކަމަށެވެ.
އާ ގާނޫނު އަސާސީއާ އެކު އާ ނިޒާމެއް ރާއްޖޭގައި ހިނގަމުންދާތާ ހަތަރު އަހަރާއި ބައި ވެފައިވާ އިރު މިހާތަނަށް އެއްވެސް ފަހަރެއްގައި ގާނޫނު އަސާސީ އަށް އިސްލާހެއް ގެނެސްފައި ނުވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެހެން ގައުމުތަކުގައި އާ ނިޒާމަށް އަމަލުކުރަން ފަށާތާ ފުރަތަމަ އަހަރުތަކުގައި ނިޒާމް ރަނގަޅަށް ހިންގުމަށްޓަކައި ގާނޫނު އަސާސީ އަށް އިސްލާހްތައް ގެންނަ ކަމަށެވެ.
"ރާއްޖޭގެ ގާނޫނީ ދުސްތޫރީ ހަޔާތުގައި އަދި ޑޮމޮކުރަސީގައި މިދިޔައީ އެންމެ ހަތަރު އަހަރާއި ބައި. މި ހަތަރު އަހަރާއި ބައިގެ ތެރޭގައި ގާނޫނު އަސާސީ އަށް އެއްވެސް އިސްލާހެއް ނުގެނެސް މިދަނީ. އެހެން ނަމަވެސް މި ފަދަ ދަތުރެއްކުރާ އެހެން ގައުމެއްގައި އަދި ކުރިން މި ދަތުރުތައް ކޮށްފައި ހުރި ގައުމުތަކުގައި ވެސް ދުސްތޫރީ ހަޔާތުގެ ފުރަތަމަ އަހަރުތަކަކީ ވެސް ގާނޫނު އަސާސީ އަށް ވަރަށް ގިނަ އިސްލާހްތަކެއް ގެންނަ ފައްތަރެއް. އެއީ ސިސްޓަމް ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި،"
ރާއްޖޭގެ އަދުލުއިންސާފާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެ ނިޒާމްގައި ވެސް ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އަދި ޖުޑިޝަލް ސާވީސް ކޮމިޝަންސް (ޖޭއެސްސީ) އަކީ ވެސް މިހާރަށް ވުރެ ބޮޑަށް ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.
"ޖުޑިޝަލް ސާވީސް ކޮމިޝަނަށް ވެސް އިސްލާހްތަކެއް ގެންނަން އެބަޖެހޭ. އެތަނަކީ ވެސް ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަން އެބަޖެހޭ. އެހެންވީމާ އިރާދަކުރެއްވިޔާ ޖޭއެސްސީއަކީ މިހާރަށް ވުރެ އިންޑިޕެންޑެންޓް، ސިޔާސީ ނުފޫޒު ކުޑަ ތަނަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން." ރައީސް ވިދާޅުވި އެވެ.