އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޓީމާ ވާދަކޮށް 14 ލަނޑުން މެޗު ކާމިޔާބުކޮށް ޔޫތު މިނިސްޓްރީ ފެށުން ރަނގަޅުކޮށްފި އެވެ.

ޓޮސް ދިމާވުމުން ޔޫތް މިނިސްޓްރީ ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 76 ލަނޑުހެދި އެވެ. ޖަވާބުގައި އެޑިއުކޭސަން މިނިސްޓްރީ ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 63 ލަނޑެވެ.

އެ މެޗުގައި ޔޫތުން އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި އަފްސަރާއި، 10 ލަނޑު ހެދި މާހިދު ޝަރީފް އެވެ. އެޑިއުކޭސަން މިނިސްޓްރީއިން އެންމެ ރަގަޅަށް އުކީ 3ން ލަނޑަށް 1 ވިކެޓްނެގި ސަންތޯސް އެވެ. އެޑިޔުކޭޝަނުން އެންމެ ރަގަޅަށް ކުޅުނީ 13 ލަނޑުހެދި ފާއިޒް ސަމަދާއި 11 ލަނޑުހެދި ސަންތޯސް އެވެ. ޔޫތު ޓީމުން އެންމެ ރަގަޅަށް އުކީ 10 ލަނޑަށް ދެވިކެޓްނެގި މާހިދު ޝަރީފް އެވެ.

ދެގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 އިން 30ގެ ނިޔަލަށެވެ. އެޑިޔުކޭޝަންއާއި ޔޫތުގެ އިތުރުން މުބާރާތުގައި ބައިވެރިވެފައި ވަނީ، ސިފައިންގެ ރިކްރިއޭސަން ކްލަބާ، ކަސްޓަމްސް ރިކްރިއޭސަން ކްލަބާއި، ޕޮލިސް ކްލަބާއި، އެމްއެމްއޭ އަދި އިމިގްރޭޝަން އެވެ.

މާދަމާ ހަވީރު މުބާރާތުގެ ދެ މެޗު ކުޅުމަށްވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ އެޑިއުކޭޝަން މިނިސްޓްރީއާއި ސިފައިންގެ ރިކްރިއޭޝަން ކްލަބެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ކަސްޓަމްސްއާއި އެމްއެމްއޭ އެވެ.