24 Jul 2013, 23:54
އިސްލާމް އާބާދު (ޖުލައި 24) : ޕާކިސްތާންގެ ރިޔާސީ އިންތިޚާބުގައި އެޤައުމުގެ ބޮޑުވަޒީރު މުޙައްމަދުނަވާޒް ޝަރީފުގެ މުސްލިމް ލީގު ޕާޓީން ކެންޑިޑޭޓަކު ވާދަކުރައްވާނެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ޕާކިސްތާނުގެ މިހާރުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނެކަން ހާމަކުރައްވާފައިވާއިރު މިމަހުގެ ތިރީސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާކިސްތާންގެ ރިޔާސީ އިންތިޚާބުގައިބޮޑުވަޒީރު މުޙައްމަދުނަވާޒް ޝަރީފުގެ މުސްލިމް ލީގު ޕާޓީގެ ފަރާތުން ކުރިމަތިލައް ވާނީ ސިންދް ޕްރޮވިންސްގެ ކުރީގެ ގަވަރުނަރު މަމްނޫން ހުސައިން ކަމަށް ޕާކިސްތާނުގެ މީޑިޔާ ބުނެ އެވެ.
މަމްނޫން ޙުސައިން އަކީ ސިންދު ޕްރޮވިންސްގެ ލޯކަލް ސަރުކާރުތަކުގައި އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ތަޖްރިބަކާރު ބޭފުޅެކެވެ. ޕާކިސްތާނުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޓަކައި ޝަރުޢީ ދާއިރާއިން ނިންމަންޖެހޭ ކަންތައްތައް ނިންމުމަށް ފުރަންޖެހޭ ފޯމްތައް ފުރުއްވުމަށް ފަހު އެފޯމްތަކާއި އެކަމާގުޅޭ މަޢްލޫމާތު ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް މަމްނޫން މިހާރު ހުށަހަޅުއްވާފައިވާ ކަމަށް ޚަބަރުލިބެ އެވެ. ޕާކިސްތާނަކީ ބަރުލަމާނީ ނިޒާމުގެ ވެރިކަމެއް އޮންނަ ގައުމެއް ނަމަވެސް އެގައުމުގެ ރައީސަކީ ވެރިކަމުގެ ދަސްތޫރީ ބޮޑެތި ބާރުތަކެއް ލިބިފައިވާ ބޭފުޅެކެވެ.
ޕާކިސްތާނުގެ އެހެން ބޮޑެތި ސިޔާސީ ޕާޓީތަކުން ވެސް މިހާރު ވަނީ ރިޔާސީ އިންތިޚާބުގައިވާދަކުރެއްވުމަށް ބޭނުންވާ އެޕާޓީތަކުގެ ކެންޑިޑޭޓުން އިޚްތިޔާރުކޮށްފަ އެވެ. މިގޮތުން ޕާކިސްތާނުގެ އެންމެ ބޮޑު އެއްޕާޓީ ކަމަށްވާ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީ.ޕީ) ން އެޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރަޒާ ރައްބާނީގެ އިޚްތިޔާރު ކުރައްވާފައިވާ ކަމަށާ އިމްރާން ޚާންގެ ތަޙްރީކޭ އިންސާފު ޕާޓީން އިޚްތިޔާރު ކޮށްފައިވަނީޕާކިސްތާނުގެސްޕްރީމް ކޯޓުގެ ކުރީގެ އިސްފަނޑިޔާރެއް ކަމަށްވާ ވަޖީހުއްދީން އަހުމަދު ކަމަށްވެސް ޚަބަރުލިބެ އެވެ.
ޕާކިސްތާނުގެ ޕާލަމެންޓް ކޮންޓްރޯލް ކުރަނީ ނަވާޒް ޝަރީފުގެ ޕާޓީން ކަމަށްވާތީ ޕާކިސްތާނުގެ ރިޔާސަތަށް އިންތިޚާބު ވުމުގެ ފުރްސަތު އެންމެ ބޮޑީ އެޕާޓީގެ ކެންޑިޑޭޓް ކަމަށް މުރާސިލުން ބުނެއެވެ. (ރޮއިޓާސް)