(20 ޖުލައިގެ އަދަދާއި ގުޅޭ)

ދޮރުމަތިން ޒޯހާގެ ދޮންތަ ނިޝާ ފެނުމުން އިޔަން ހިސާބަކަށް މާޔޫސްވިއެވެ. އޭނާ އެދި އެދި ހުރީ ފުރަތަމަ ވެސް ޒޯހާގެ ރީތި މޫނު ދެކިލާށެވެ. "ޒޯހާ އާއި ބައްދަލު ކޮށްލެވިދާނެތަ؟" އިޔަން ވާހަކަ ދެއްކިއެވެ. "އެތާ ގޮނޑީގައި މަޑުކޮށްލާ. ޒޯހާ ކޮއްކޮއަށް އެބަ ގޮވާލަން." ނިޝާ ކޮއްކޮއޭ މުޚާތަބު ކުރުމުން އެއީ ޒޯހާގެ ދޮށްޓަށް ހުންނަ ދެބޭން ކުރެ އެކަކުކަން އިޔަންއަށް ވެސް އެނގިއްޖެއެވެ. އިޔަން ވަދެ އިށީންދެލުމުން ނިޝާ ހިނގައިގަނެފައި ގޮސް ހުއްޓުނީ އެންމެ ކައިރިއަށް ހުރި ކޮޓަރި އަށެވެ. މީގެ އަށް އަހަރު ކުރީންވެސް ޒޯހާ އުޅުނު ކޮޓަރި ކައިރި އަށެވެ. އޭނާ ދޮރު ހުޅުވައިލުމުން އިޔަން އިނީ އެދިމާއަށް ލޯ ދިއްކޮށްގެންނެވެ.

ނަމާދު ދޮޅި އާއެކު މުސައްލަ މަތީގައި ޒޯހާ އިނެވެ. އަޞުރު ނަމާދު ކުރަން ވަގުތެއްވީ އަދި ކަންނޭނގެއެވެ. އެދެއަތް ދުޢާއަށް އުފުލިފައިވާއިރު ތެމިފައިވާ އެސްފިޔަތަކުގެ ސަބަބުން ދެލޯ ކަޅުކުލަ ގަދަކަމުން އިންތިހާއެވެ. އިޔަންއަށް ޒޯހާގެ މޫނު ފެނިފައި ބޭ އިޚުތިޔާރުގައި ގޮނޑިން ފޫ ހިއްލައި ލެވިއްޖެއެވެ. އަށް އަހަރު ފަހުންވެސް އިޔަންގެ ހިތް ތެޅިލީ ހަމަ އެއްގޮތަކަށެވެ. އަބަދުވެސް އެމޫނު ފެނިގެން ހިތް ތެޅިލާ ގޮތަށެވެ. އިހްސާސްތަކަށް އަދިވެސް ބަދަލެއް ނާދެއެވެ. ބަދަލުވީ ވަގުތެވެ. އެވަގުތާއި ދުނިޔޭގެ ޤާނޫނެވެ. ތަޤްދީރުގެ ރޭވުމެވެ. އެހެންނޫންނަމަ ޒޯހާ މިއަދު ހުންނާނީ އިޔަންގެ އަންބެއްގެ މަޤާމުގައެވެ.

"ޒޯހާ ކޮއްކޮ ނަމާދު ކުރަނީ. ނިމިގެން ނިކުންނާނެ." ނިޝާ ދޮރު ލައްޕާފައި އެނބުރުނެވެ. ނިޝާ އެތެރެއަށް ވަދެފައި ކޮފީ ތައްޓެއް ހިފައިގެން ނިކުތްއިރު އިޔަން ކެތްތެރި ކަމެއްނެތި ދެއަތް ދެއަތާއި ގުޅުވާލައިގެން ހިނގާލަ ހިނގާލާ ހުއްޓެވެ. ކޮފީ ތަށީގައި ހިފިއިރު އިޔަންއަށް ނިޝާގެ މޫނުން ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. ހީވީ ކަމެއް އެނގިގެން ނޫނީ ޝައްކުވެފައި ހުރި ހެންނެވެ. "އަހަރެމެން ކުރިން ބައްދަލުވިތަ؟" އިޔަންއަށް ކޮފީ ތަށީގައި ތުން ނުޖެހި އުޅެނިކޮށް ނިޝާ އެހިއެވެ. "ހިއެއްނުވޭ." އިޔަން ޖަވާބު ދިނީ ހީވާ ގޮތަށެވެ. "އެކަމަކު ކޮންމެވެސް ތާކުން ދުށް ހަނދާނެއް ވޭ." ނިޝާ ސިކުނޑިއަށް ބާރުލިއެވެ. އެވަގުތު ދޮރު ހުޅުވުނު އަޑު އިވިގެން ދެމީހުންގެ ނަޒަރުވެސް އެދިމާއަށް ދަތުރު ކުރިއެވެ.

ޒޯހާ ފައިގެ ތަނބި ކަށްޓާއި ހަމައަށް ފޮރުވިފައިވާ ކަޅު ކުލައިގެ އަތްދިގު ހެދުމާއި އެކު ރަތާއި ކަޅުން ގުޅުވައިލެވިފައިވާ ޝޯލްއެއް އަޅާލައިގެން ހުއްޓާ ފެނުމުން އިޔަންއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އެހެދުމުގައިވެސް ޒޯހާގެ ރީތިކަމަށް އުނިކަމެއް އައިސްފައެއް ނެތެވެ. ދެ ކޮލަށް މަސްއަރައި ކުޑަކޮށް ފުށްވެލައިފައި ހުރުމުން މޫނަށްވެސް އަރަނީ ޖަންބު ކުލައެވެ. "ދޮންތާ ކޮބާ ނިހާމް. ހަވީރު ބަގީޗާއަށް ގެންދަން ވަޢުދު ވީމަ މިއަދު ހޯމްވޯކް ހެދީ." ޒޯހާގެ ޖުމްލަ ފުރިހަމަކޮށްފައި އަދި ކިރިޔާ އިޔަންގެ މޫނަށް ބަލައިލީއެވެ. ވަގުތުން އޭނާ ދެލޯ ބޮޑުވެ އަނގައިން ބަސް ހުސްވިއެވެ.

"ޒޯހާ ހޯދަން އައިސް އޭނަ އެހުރީ." ނިޝާއަށްވެސް ޒޯހާއަށް އައި ބަދަލު ފާހަގަވެގެން ބުނެލައިފިއެވެ. "އިޔަން!" ޒޯހާ މަޖުބޫރުވެފައިވާ މީހަކު ފަދައިން ގޮވައިލިއެވެ. އެއަޑު އަހާފައި ނިޝާއަށްވެސް ސިހިއްޖެއެވެ. "އިޔަން! ހަމީދުބޭގެ އިޔަންތަ؟" ނިޝާ ބޭނުންވީ ޔަޤީން ކުރާށެވެ. އިޔަން ބޯ ޖަހައިލި ތަނާ ނިޝާ އިތުރު އެއްޗެއް ނުބުނެ ނިހާމް ހޯދަން އެތެރެއަށް ވަދެއްޖެއެވެ.

"ޒޯހާ ކިހިނެއް ހާލު؟" ދެމީހުން އެކަނި ވުމުން އިޔަން ފެށިއެވެ. "ވަރަށް ރަނގަޅު." ޒޯހާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ. އެކަމަކު އިޔަންއަށް ފާހަގަ ކުރެވުނީ އެ ހިނިތުންވުމުގައި ހާސް ކަރުނައަށްވުރެ ވޭން އެކުލެވިފައިވާ ކަމެވެ. "ކަމަކުތަ ތިއައީ؟" ޒޯހާ އިޔަންއަށް ފުރުސަތެއް ނުދީ އަހާލައިފި އެވެ. ހީވީ ފޮނުވައިލަން ބޭނުންވެފައި ހުރި ހެންނެވެ. "ޒޯހާގެ ހާލު ދެކިލަން." އިޔަންއަށް ބުނެވުނީ އެހިސާބަށެވެ. ނިހާމް ދުވެލާފައި އައިސް ޒޯހާގެ ދެފައިގައި އޮޅުލައިގަތުމުން ގުދުވެލައިގެން ވާހަކަ ދައްކަން ފެށިއެވެ. "ސޮރީ އިޔަން. އަހަރެން ދާން ޖެހިއްޖެ." ޒޯހާ ހިންދެމިލާފައި އެހެން ބުނެލިއިރު ބަލަން ހުރީ އަދިވެސް ނިހާމްގެ މޫނަށެވެ. ދެވަނަ ފަހަރަށް އިޔަންގެ މޫނަށް ބަލަން ބޭނުން ނުވެފައި ހުރި ކަހަލައެވެ. "އިޓްސް އޯކޭ." ދައްކަން ބޭނުން ކިތަންމެ ވާހަކައެއް ހުރި ނަމަވެސް އިޔަން ދެކޮޅެއް ނުހަދައެވެ. ޒޯހާ އެތުއްތު ފިރިހެން ކުއްޖާ ގޮވައިގެން ނިކުންނާން ދެން ބަލަން ހުރެފައި އޭނާވެސް ހިނގައިގަތެވެ. ނިޝާ ގޮވައިލީ އެވަގުތުއެވެ. އިޔަން ހުއްޓިފައި އެނބުރި ބަލައިލިއިރު ނިޝާ ސިޓިންރޫމަށް ނިކުންނަނީއެވެ.

"މަޑުކޮށްލެވިދާނެތަ؟ އަހަރެން ވާހަކައެއް ދައްކަން ބޭނުން." ނިޝާގެ އަޑުގައި ގާތްކަމެއް ހުއްޓެވެ. އިޔަން ބޯ ޖަހައިލައިފައި އައިސް ކުރިންވެސް އިން ގޮނޑީގައި އިށީންދެލިއެވެ.

އިޔަން ގެއަށް އައީ މަޣްރިބް ނަމާދު ކޮށްލައިގެންނެވެ. އޭރުވެސް ހޯލްގެ ބޮޑުބައެއް އޮތީ ހަފްލާއަށް ޓަކައި ޒީނަތްތެރި ކުރެވިފައެވެ. ތައްޔާރީތައް ކުރުމުގައި އަދިވެސް މީހުން އުޅޭތީ ފެނެއެވެ. ގެއަށް ވަދެފައި ސޯފާގައި ފޮތެއް ހުޅުވާލައިގެން މިއާ އިނުމުން އެދިމާއަށް ދިޔައެވެ. "ހެލޯ!" އިޔަން ކުރިމައްޗަށް ހުއްޓިފައި ގޮވައިލުމުން މިއާ ފޮތް ތިރިކޮށްލާފައި ފުންމައިގެން ތެދުވިއެވެ. "އިޔަން!" މިއާގެ ހުރިހާ ދަތެއް އެއްފަހަރާ ފެނުނެވެ. މަލެއް ފަދައިން އެމޫނު ފޮޅިގެން އައެވެ. ޚުދު އިޔަންއަށްވެސް އެސޫރައަށް އައިސްފައިވާ ބަދަލުތައް ފެނިގެން ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލެވިއްޖެއެވެ. ކުޑަތަންކޮޅެއް އިސްކޮޅުން ދެމިލައި މޫނުން ހަރުކުލަ ޖަހައެވެ. އެކަމަކު ހިމަތޮޅި ހަށިގަނޑާއި ހީލުމުން ދެކޮލުގައި އިޝްތިހާރު ވަމުން ދިޔަ ދެ އަޑިކޮޅު އެއީ ބަދަލު ނުވާ ސިފަތަކެވެ. "ކޮބާ އަހަރެންނަށް ގެނަ ހަދިޔާ؟" މިއާ އިޔަންގެ މުލައްދަނޑީގައި ހިފައިލިއެވެ. "ހިނގާ ކޮޓަރިއަށް." ދެ ޒުވާނުން އެކު އެކީގައި ހިނގާލައިފައި އިޔަންގެ ކޮޓަރި އާއި ދިމާއަށް ދިޔައިރު ގޭގެ ބޮޑެތި މީހުން މަޝްވަރާތައް ކުރަން ތިބީ ހަމީދުގެ ކޮޓަރީގައެވެ. ހުޅުވާފައިވާ ދޮރުން އެމީހުންނަށް އެޒުވާނުން ހުރަސް ކުރިތަން ފެނިގެން ތުންފަތް ތަކުގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.

މިއާ ނިކުތް ފަހުން ދޮރު ފޮތިގަނޑު ދުރު ކޮށްލައިގެން އިޔަން އިރުގަނޑެއް ވާންދެން ކުޑަ ދޮރު ކައިރީ ހުއްޓެވެ. ނިޝާގެ ވާހަތައް ތަކުރާރުކޮށް ސިކުނޑީގައި އެނބުރެން ފެށުމުން ލޯ ފެންކަޅި ވެއްޖެއެވެ. ހިތަށް ކޮށްފައިވާ ފުން އަސަރު މޫނުންވެސް ދޭހަވަމުން ދެއެވެ. ނުވައެއް ޖަހަން ކައިރިވެފައި ހުއްޓާ ޝާފިޔާ އައިސް ދޮރުފަތުގައި ޓަކި ޖަހައިލިއެވެ. އިޔަން މޫނުގައި އަތް އުނގުޅައިލާފައި އެނބުރި ބަލައިލިއެވެ. "ދަރިފުޅު އަދިވެސް ތައްޔާރު ނުވަނީތަ؟" ޝާފިޔާ ދޮރު ހުޅުވައިލާފައި އިޔަން ފެނިގެން ވާހަކަ ދެއްކިއެވެ. "އެންމެން ދަރިފުޅަށް އިންތިޒާރު ކުރަނީ." ޝާފިޔާ އެހެން ބުނެލި އިރު ފުންކޮށް އިޔަންގެ މޫނަށް ބަލައިލިއެވެ. "މިދަނީ." އިޔަން އަވަހަށް ގޮސް ވަނީ ފާޚާނާ އަށެވެ. ތައްޔާރު ވެލައިގެން ނިކުންނަން ދިޔަ އިރު ހަފްލާގައި ރޭވިފައިވަނީ ކިހާ ވަރެއްގެ ކަމެއްކަން އިޔަންއަށް ރޭކައިވެސް ނުލައެވެ.

އިޔަން ތިރިއަށް ފޭބިއިރު އާއިލާގެ އެންމެން ތިއްބެވެ. އިތުރަށްވެސް ގާތްތިމާގެ މީހުންނާއި އާއިލީ ރައްޓެހިން އަދި ކޮމްޕެނީގެ ބައެއް މުވައްޒަފުންނެވެ. އެންމެ އުފާވެފައި ޒަމީހާ ހުއްޓާ ފެނުމުން އިޔަންގެ ލޭ ކެކިގަތެވެ. މުށްކަވައިލެވުނު އަތްތިލަ އަވަސް އަވަހަށް ޖިންސްގެ ޖީބަށް ޖަހައިލެވުނީ ނަސީބެވެ.

ސިޑީގެ އެންމެ ތިރީ ހަރުފަތް ގިރާކޮށްފައި އިޔަން ގޮސް ހަމީދުގެ ކައިރިއަށް ހުއްޓޭންދެން އެންމެން ތަރުހީބުގެ އަތްތިލަ ބަޑީގެ އަޑު ގުގުމާލިއެވެ. އެއަށްފަހު ހަމީދު ވާހަކަ ދައްކަންވެގެން އަތުން އިޝާރާތް ކޮށްލުމުން އެންމެން ހިމޭން ވެއްޖެއެވެ. ހަމީދު ހަފްލާ ތައާރަފް ކޮށްދިނީ އިޔަން ހޯދި މަތީ މަޤާމު ފާހަގަކޮށް އުފާ ފާޅު ކުރުމުގެ ގޮތުން ބާއްވާ ހަފްލާއެއްގެ ގޮތުގައެވެ. "އަދި އިތުރު ސަޕްރައިޒް އަކާއިވެސް އެކު މި ހަފްލާ ނިމިގެންދާނީ." ހަމީދު އުފާވެރި މޫނަކާއެކު އެހިސާބަށް ބުނެލައިފައި އިޔަންގެ ކޮނޑަށް އަތްލައި ގާތް ކޮށްލިއެވެ. އިޔަން ހުރީ ވާން މިއުޅޭ ގޮތެއް ވިސްނައި ނުގަނެވިފައެވެ. ދުރުގައި ހެވިފައި ހުރި ޒަމީހާގެ ވިހަގަދަ ސޫރައަށް ދޭތެރެއަކުން ކަޅިއެއް އެއްލެއެވެ. "ވަރަށްވެސް އުފާވެރި ޚަބަރެއް. އަދި މިއާއިލާއިން މިހާރު އެންމެ ދެކެން ބޭނުން ހުވަފެނުގެ ވާހަކަ ބުނަން މިއުޅެނީ." ހަމީދު ވާހަކަ ދައްކަމުން އިޝާރާތް ކޮށްލުމުން ޒަމީހާ އަވަހަށް މިއާ ގެނެސް ހަމީދުގެ އަނެއް ފަރާތުގައި ބެހެއްޓިއެވެ. މަންމަގެ އެހަރަކާތުން މިއާއަށްވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.

"ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭގައި އިޔަން އާއި މިއާގެ ކައިވެނި ކުރެވިގެންދާނެ." ހަމީދުގެ ޖުމްލަ ނިމޭއިރަށް އެންމެން ހޯބޯ ލަވައިގަތުމާއެކު ތަރުހީބުގެ އަތްތައް އުފުލިއްޖެއެވެ. އިޔަންއަށް ލިބުނު ޝޮކްގައި ހުއްޓުން އަރައިފައި ހުއްޓައި ބައްޕަ އޭނާގެ އަތުގައި ހިފާ ކުރިއަށް ނެރެފައި މިއާގެ އަތްތިލަ ގެނެސް މުށުތެރެއަށް ލައިދީފިއެވެ. މޫނު އަނބުރައިލުމުން އިޔަންއަށް ފެނުނީ މިއާގެ މޫނު ރަތްވެ އެސްފިޔަތައް ތިރިވެފައިވާ ތަނެވެ. އޭނާ ހީކުރި ގޮތާއި ޚިލާފަށް އެމޫނުން ނުރުހުމެއް ނުޤަބޫލު ކަމެއް ފައުޅެއް ނުވެއެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމުން އިޔަންއަށް ހުރިހާ ކަމެއްވެސް އޮޅުން ފިލަން ފެށިއެވެ. ޒަމީހާ ޒޯހާގެ ފަރާތުން ހިފީ ބަދަލެއް ނޫނެވެ. އެއީ އަމިއްލަ ދަރިފުޅަށްޓަކައި ކޮށައިދިން މަގެކެވެ. ޒޯހާ އެއީ އެމަގަށް ހުރަސްވެފައިވާ ކަށިގަހެއް ކަމުގައި ނިންމާފައި ލުހެލައި އެއްލައިލީ އެވެ. ނިޝާގެ ވާހަކަ އަހާފައިވެސް އިޔަން އަމިއްލަ ހިތާއި ސުވާލު ކުރިއެވެ. މީހަކު މީހަކާއި ގަޔާ ނުވެގެން އެވަރުގެ ސަޒާއެއް ދީފާނެ ހެއްޔެވެ؟ ނޫނެކެވެ. އެއީ ޒަމީހާ ހަމައެކަނި ޒޯހާ ދެކެ ގަޔާނުވެގެން ކުރި ކަމެއް ނޫނެވެ. އެއީ ޒޯހާ އޭނާގެ އަންބަކަށް ވުން ހުއްޓުވުމަށް ޓަކައި ރޭވި ރޭވުމެކެވެ.

ހަފްލާގެ ކެއުން ފެށުނު ފަހުން އިޔަންއަށް ނިކުންނާނެ ފުރުސަތު ލިބުނެވެ. އޭނާ ބާރު ބާރަށް ގޮސް ގެއިން ނިކުމެފައި ސައިކަލަށް އަރައިގެން ނައްޓައިލި އިރު އަނެއްކާވެސް ސިކުނޑީގައި ތަކުރާރު ވާން ފެށީ އެއް ވާހަކަ ތަކެކެވެ. "އިޔަން! ޒޯހާ އެއީ ވަރަށް ތަފާތު ކުއްޖެއް. ކިތަންމެ ވަރެއް ވިއަސް އޭނާ ނުބުނާނެ. އަމިއްލަ ހިތުގައި ފޮރުވާލައިގެން ހުރެދާނެ. ހަތަރު އަހަރުވާންދެން ޒޯހާ އިނީ ނޯކިރީ ކުރަން. އޭނަ އަހަރެން ކައިރީވެސް އެއްވެސް ވާހަކައެއް ނުކިޔައިދޭ. ޒޯހާގެ ކައިވެންޏަކީ ފަތުރައިލި އަޑެއް. ދެއްކި ކުލައެއް. ނަމެއްގައި ކުރެވުނު ކައިވެންޏެއް. އެއީ އެއްވެސް ހަޤީޤަތެއް އެކުލެވިފައިވާ ނުވާ އެކަމަކު ހަސަދަވެރި އަންހެނެއްގެ ކެހިވެރި ރޭވުމެއް. ބައްޕަގެ ކިޑްނީ ފެއިލްވެގެން ބޭރަށް ގެންދަން އެހީއަށް އެދި ޒޯހާ ދިޔައީ އިޔަންގެ ބައްޕަ އާއި ބައްދަލު ކުރަން. އެދުވަހު އެޒަމީހާ ބިރުދެއްކީ ކީކޭ ކިޔާފައި ކަމެއް ނޭނގެ، އެދުވަހު ޒޯހާ އެނބުރި އައީ ޒަމީހާގެ ކޮއްކޮ އަދްޝަން އާއި އިންނަން އެއްބަސް ވެގެން. ބައްޕަ ގޮވައިގެން ބޭރަށް ދިޔައީވެސް ޒޯހާ. އެނބުރި އައިސް އިތުރަށް ދެ ހަފްތާ ވީ އަދްޝަން ހެކީން ފޮނުވައިފި ރަން ކިޔަން. އެކަން ހިނގީ މިގޭގައި އަހަރެންގެވެސް ކުރިމަތީގައި. އެއަށްފަހު ދުވަސްކޮޅެއް ފަހުން އަހަރެން ގެއަށް އައިސް ވަންއިރު ޒޯހާ ހުރީ ފޮށްޓަށް އެއްޗެހި އަޅަން. ސުވާލު ކޮށްލީމަ ބުނީ އަދްޝަން އާއި ކައިވެނި ކުރި ވާހަކަ. އަހަރެން އަޖައިބުވި. އެކައިވެންޏަށް އަހަރުމެން އެކަކަށްވެސް ދައުވަތު ނުދޭ. އިޔަން ޒޯހާ އެގޭގައި ހޭދަ ކުރި ހަތަރު އަހަރަކީ ބައްޕަގެ ކިޑްނީގެ ބަދަލުގައި ދިން ޤުރުބާނީއެއް ކަމަކަށް އަހަރެންނަށް ޤަބޫލެއް ނުކުރެވޭ. އެހެން މިބުނި ގޮތަކީ ޒަމީހާ ދެކޮޅު ހެދި ކަމުގައިވިއަސް އިޔަންގެ ބައްޕަ އާއި ބައްދަލު ކުރިނަމަ ޝަރުތަކާއި ނުލައިވެސް ބައްޕައަށް އެހީވާނެތީ. އެހެންވެ އަހަންނަށް ހީވަނީ ޒޯހާ އެކަން ކުރީ ކޮންމެވެސް އެހެން ސަބަބެއް އޮވެގެން ކަމުގައި. ހަތަރު އަހަރު ފަހުން ޒޯހާ އެނބުރި ގެއަށް އައީވެސް ކުއްލި އަކަށް. ދަރިން ނުލިބޭ ބޭކާރު އަންހެނެއްގެ ގޮތުގައި ލެބަލް ކުރެވުނު އިރު އަދްޝަން ޒޯހާގެ ހަށިގަނޑުގައި އިގިލި ކުރިވެސް ޖައްސައިލި ކަމަކަށް ނުވޭ. މިހުރިހާ ވާހަކައެއް އަހަރެންނަށް ކިޔައިދިނީ ޚުދު އަދްޝަންގެ އަންހެނުން. އެގޭގައި ޒޯހާ އުޅުނު އިރު އެދެމެދުގައި އެކުވެރިކަން އުފެދި އެއަންހެންކުއްޖާގެ ހިތުގައި ޒޯހާ އާއިމެދު ހަމްދަރްދީ އުފެދިގެން. އަދި އިޔަންއަށް މިވާހަކަ ކިޔައިދޭން އަހަރެން ބޭނުންވެފައި ހުންނަތާ ކިތަންމެ ދުވަހެއް. އެއީ އިޔަން އަކީ ޒޯހާގެ ހިތުން ހާއްސަ މަޤާމެއް ދެވިފައިވާ ހަމައެކަނި ފަރާތް ކަން އަހަރެންނަށް އެނގުނީވެސް ވަރަށް ފަހުން. ޒޯހާ ގެއިން ނިކުމެގެން ދިޔައިރު އަލަމާރި ތެރޭގައި އޮތް ފަސްސަތޭކަ ސަފްހާގެ ފޮތެއް ފުރޭން ދެން "އިޔަން." މި ނަން ލިޔެފައި އޮތްވާ ފެނިގެން އަހަރެންނަށް އެނގުނީ."

ފާރު ކައިރީގައި ސައިކަލު ޕާކް ކޮށްފައި އިޔަން ގޮސް ބެލް ޖަހައިލިއެވެ. ޒޯހާ ދޮރު ހުޅުވާލައިފައި އަނގައިން ނުބުނެވިގެން އުޅެނިކޮށް އިޔަން އެތެރެއަށް ދެމިގެންފިއެވެ. "އިޔަން އޭނާގެ ކޮޓަރި އާއި ދިމާއަށް ދާތަން ފެނިގެން ޒޯހާއަށް ބާރު ބާރަށް ގޮވައިލެވިއްޖެއެވެ. އިޔަން އެއަޑު ނާހައި ގޮސް އެތެރެއަށް ވަދެފައި އަލަމާރި ހުޅުވަން އުޅެނިކޮށް މަތީގައި އޮތް ސޫޓް ކޭސް ފެނިގެން ނަގައި އެނދުމަތީގައި ހުޅުވާފައި ބޭއްވިއެވެ. އިޔަން އެނބުރި ގޮސް އަލަމާރި ހުޅުވާފައި ޒޯހާގެ ހެދުންތައް ނަގައިގެން ފޮށްޓަށް އަޅަން ފެށިތަނާ ޒޯހާ އައިސް އެއަތުގައި ހިފެހެއްޓުމުން ސިހިފައި ހުއްޓެވިއްޖެއެވެ. "އިޔަން މޮޔަވީތަ؟ ކީއްތިކުރަނީ؟" ޒޯހާ ހަޅޭއްލަވައިގަތެވެ. "މިރޭ ބާރަ ޖަހާއިރު އަހަރެން ބަލާ އަންނާނަން. ޒޯހާ އަހަރެންދެކެ ކުޑަކޮށްވެސް ލޯބިވިނަމަ އަދި އަހަރެންނާއި އެކު ހަޔާތުގެ ދެން އޮތްބައި ހޭދަކުރަން އެދޭނަމަ މިރޭ ބާރަ ޖަހާއިރަށް މިގެ ދޫކޮށްފައި އަހަރެންނާއި އެކު ދާން ތައްޔާރުވެގެން ހުރޭ." އިޔަން ހަތަރުކަޅި ހަމަކޮށްފައި ބުނެލިއެވެ. ޒޯހާގެ އަނގައިން ބަސްހުސްވެ ހުއްޓުން އަރައިފައި ހުއްޓާ އިޔަން ދޮރު ހުޅުވާލައިފައި ނިކުތްފަހުން ބާރު ބާރަށް އެނަމުން ގޮވާލެވުނެވެ.

(ނުނިމޭ)