24 Jul 2013, 23:41
އެމްޑީޕީގެ ސަރުކާރުގައި ފައިސާތަކެއް ހަރަދުކުރުމުގައި މާލިއްޔަތު ގާނޫނާއި ހިލާފަށް ހަރަދުތަކެއް ކޮށްފައިވީ ނަމަވެސް ރައްޔިތުންގެ ފައިސާ އަށް ހިޔާނާތެއް ވެފައިނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކެމްޕެއިން ދަތުރުފުޅުއެއްގައި މިއަދު ހދ. ވައިކަރަދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނެރުއްވަމުން ގެންދަވާ އޮޑިޓް ރިޕޯޓްތަކާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފައިސާ ހަރަދުކޮށްފައި ހުރީ ރަނގަޅަށްތޯ ނުވަތަ ގޯސްކޮށްތޯ ބެލުމަށް ކުރާ އޮޑިޓްތަކުގެ އޮޑިޓް ރިޕޯޓުތައް އޮޑިޓާ ޖެނެރަލް ނެރުއްވަމުން ގެންދަވާކަމީ އުފާފުޅުކުރައްވާ ކަމެއް ކަމަށެވެ.
"ދިވެހި ރާއްޖެ އަށް 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއެއް ލިބި، އަކުރުން އަކުރަށް އެ ގާނޫނު އަސާސީގެ ދަށުން މާލިއްޔަތާ ބެހޭ ގާނޫނަށް އަމަލުކުރާން ފެށުމާ އެކު، އެކިއެކި މަޝްރޫއުތައް ހިންގަން ތިއްބެވި ވަޒީރުންނާއި ޑިރެކްޓަރުންނާއި އެކިފެންވަރުގެ މަސްއޫލުވެރި ބޭފުޅުންނަށް އެކި ކަންކަން ހިންގުން އަވަސް ކުރުމަށް އެޅޭ ބާރެއްގެ ސަބަބުން މާލިއްޔަތާ ބެހޭ ގާނޫނުގައި ބަޔާންވެފައި ހުރި ގޮތާއި މުޅިން އެއްގޮތް ނޫން މަގަކުން ހަރަދު ކުރެވިފައި ހުރުން އެއީ އެކަށީގެންވާކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވިނަމަވެސް 2010 ވަނަ އަހަރު އަދި 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކުގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.
އެ ގޮތުން ނަޝީދުގެ ސަރުކާރުން 2011 ވަނަ އަހަރު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވި ސާކް ސަމިޓްގެ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް 16.8 މިލިޔަން އަށްވުރެ ގިނަ ރުފިޔާ، މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އަދި ސާކް ސަމިޓަށް އައްޑޫ ސިޓީ ތައްޔާރުކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ލައްވާ ކުރުވުމަށް ފަހު އެމަސައްކަތް ކުރުމަށް ސަދަން ޔުޓިލިޓީޒް (އެސްޔޫއެލް) އަށް 5.1 މިލިއަން ރުފިޔާ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ދީފައިވެ އެވެ. އަދި އެސްޔޫއެލްއިން އެފައިސާގެ ތެރެއިން ވުޖޫދުގައި ނެތް ކުންފުންޏަކަށް އެތައް މިލިޔަން ރުފިޔާއެއް ދީފައިވާކަން އޮޑިޓް ރިޕޯޓް ތަހުގީގުތަކުން މިހާތަނަށް ހާމަވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.'
އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރުގައި ބެހެއްޓި ދެ ޑިސްޕުލޭ ޔުނިޓް ގަތުމަށް 1.8 މިލިއަން ރުފިޔާ ލިންޓެލް އިންވެސްޓްމެންޓް މެނޭޖްމަންޓް ސާވިސަސް އަތުން ގަނެފައި ވަނީ ޓެންޑާ ބޯޑަށް ހުށަނާޅާ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި ކޮންވެންޝަން ސެންޓަރު އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 210 މިލިއަން ރުފިޔާ ނަމަވެސް ތަފާތު އެކި ސަބަބުތަކާ އެކު އެ މަސައްކަތް ނިމުނު އިރު މަސައްކަތުގެ އަގަށް އިތުރު 61 މިލިއަން ރުފިޔާ މާލިއްޔަތު ގަވައިދާ ހިލާފަށް އެޑްވާންސް ފައިސާ ދީގެން ހަރަދުކޮށްފައިވާކަން ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެފްޓްކެސް ކިޔާ ކުންފުންޏަކަށް އެތެރެ ނުކުރާ ބޭސްތަކަކަށް 8.5 މިލިއަން ރުފިޔާ ދިނުމާއި ޑަބްލްކޮށް ބިލް ހައްދައިގެން ޑިޒާސްޓާސް ސެންޓަރުން 24 މިލިއަން ރުފިޔާ ދޫކުރުމާއި ވިމްލާ ކޮންސްޓްރަކްޝަން ކުންފުނީގެ ނަމުގައި ވެސް 198 މިލިއަން ރުފިޔާއެއް ދޫކުރި މައްސަލައެއް ފެންމަތިވެފަ އެވެ. އަދި ވަޒީފާ އަށް ނުނުކުންނަ އެތައް ބަޔަކަށް އެތައް ޒަމާނެއް ވަންދެން މުސާރަ ދޫކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.