ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 14 ވަނަ "ސީއާރުސީ ކަޕް"ގެ ފައިނަލުން ޓީމް އެސްއޯއެސް އާއި ޓީމް ފައިނޭންސް ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލުން ޓީމް ފައިނޭންސް ޖާގަ ހޯދީ އިއްޔެ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ސަރުޖަން އާއި ބައްދަލުކޮށް ފަހަތުން އަރައި 3-1 ލަނޑުން މޮޅުވެގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން އަފީފް ޓީމް ފައިނޭންސްއަށް ދެލަނޑު ޖަހައިދިންއިރު އެ ޓީމްގެ އަނެއް ލަނޑު ޖަހައިދިނީ މުމްތާޒް އަބްދުލް ރަޝީދު އެވެ. ސަރުޖަން ޓީމްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ހަލީމް އެވެ.

ޓީމް އެސްއޯއެސް ފައިނަލުން ޖާގަ ހޯދީ ޕެސެންޖާ ޕްރޮސެސިންއާއި ވާދަކޮށް ބައްދަލުކުރި ޕެނަލްޓީ ޖަހައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 2-2 ން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން އެސްއޯއެސް މެޗު ކާމިޔާބުކުރީ 5–4 ލަނޑުންނެވެ. ސެމީފައިނަލްގައި ޓީމް އެސްއޯއެސް ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް ފަޒީލް (އޮއްޕޮ) އެވެ. ޕެސެންޖާ ޕްރޮސެސިންއަށް ލަނޑު ޖަހައިދިނީ އަލީ އުމަރާއި އިސްމާއިލް ޝަރީފެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ އެއް ފުޓްސަލް މުބާރާތުގެ ފައިންލްގައި ޓީމް އެސްއޯއެސް އާއި ޓީމް ފައިނޭންސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު މާފަންނު ސްޓޭޑިއަމްގެ މިނީ ދަނޑުގަ އެވެ.