24 Jul 2013, 22:38
ވެށިފަހި މާލޭ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލެއިންނާއި މާލެ އިން ދޫކުރުމަށް ހަމަޖައްސާފައިވާ ފްލެޓްތަކުގެ ތެރެއިން ސީ ކެޓަގަރީގެ ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން 75 ޕަސެންޓް ފޯމްގައި ސީރިއަސް މައްސަލަތަކެއް އުޅޭ ކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިރޭ ސަން އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ސީކެޓަގަރީން ފްލެޓަށް އެދި ހުށަހެޅިފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ވެށިފަހި އޮފީހުން ކަނޑައަޅާފައިވާ ގިނަ ބަޔަކު އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުން ބެލި ފޯމްތަކުގައި ވަރަށް ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ.
ސީ ކެޓަގަރީން ފޯމްތަކުގައި މައުލޫމާތު ސާފުކުރުމުގައި ފެށިފަހި އޮފީހުން އަމަލުކޮށްފައި ވަނީ ވަރަށް ވެސް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް މީހުންނަށް މާކްސް ލިބެންވާވަރަށް ނުލިބުމާއި، ބައެއް މީހުންގެ ފޯމްތަކުގައި ހިމަނާފައިވާ މައުލޫމާތުތަކަށް ބަލަންވާ ވަރަށް ނުބަލާ މާކްސް ދީފައި ހުރުމާއި އެގޮތުން އެބަހުރި 1984ގައި އުފަންވެފައިވާ މީހުން އެކިބަސް ދީފައި އެބަހުރި 1979 ވަނަ އަހަރު ފެށިގެން މިވެނި މީހަކު އެމީހުންނާ އެކީގައި މާލޭގައި އުޅެމުންދާ ކަމަށް. އެފަަދަ ވަރަށް ގިނަ މައްސަލަތަކެއް އެބައުޅޭ،" ލުތުފީ ވިދާޅުވި އެވެ.
ްއޭނާ ވިދާޅުވީ ސީ ކެޓަގަރީ އަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ 300 ފޯމް އެ ކޮމިޝަނުން ދިރާސާ ކުރަމުން އަންނައިރު މިހާތަނަށް ހަތަރު ފަރާތެއްގެ ފޯމްގައި ވަރަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަކުރެވިފައި ވާތީ އެކަން ވެށިފަހި އޮފީހަށް އަންގާފައިވާނެ ކަމަށެވެ.
ވެށިފަހު ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިހާތަނަށް އާއްމުކޮށްފައިވީ ނަމަވެސް އެ ކެޓަގަރީން ދާއިމީ ލިސްޓް އާއްމުނުކޮށް މަޑުޖައްސާލައިފައި ވަނީ އޭސީސީ އަށް ސީކެޓަގަރީގެ ފޯމްތަކާ ގުޅިގެން ހުށަހަޅިފައިވާ މައްސަލަތަކެއް އެކޮމިޝަނުން ބަލަމުން އަންނާނީ އެވެ.
އެގޮތުން އެފޯމްތަކުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ފޯމްތައް ފުރުމުގައި ހިމަނާފައިވާ މައުލޫމާތުތައް ސައްހަ ނުވުން ހިމެނޭ ކަމަށް އޭސީސީ އިން ބުންޏެވެ. އަދި ފޯމްތަކުގައި އޮޅުވާލައިގެން މައުލޫމާތު ދީފައިވާ މައްސަލަތަކާއި ދޮގު ހެކި ދީފައިވާ މައްސަލަތަކެއް ވެސް ހިމަނާފައިވާ ކަމަށެވެ. އަދި އެ ފޯމްތަކުގެ މައުލޫމާތު ސާފުކޮށްފައި ވަނީ ކާކު ކަމެއް އެނގެން ނެތުމުން އެކަމާ މެދު ފިޔަވަޅެއް އެޅުމަށް ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
"ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކޮށްފައި ހުރި ކަމެއް އެކަމަކީ، ޒިންދާރުކަމާ އެކު އެ މަސައްކަތް ކުރި ނަމަ އެ ފޯމްތަކުގެ މައުލޫމާތު ސައްހަތޯ ބަލާފައި ވަނީ ކާކުކަން އެނގެން އޮންނަން ޖެހޭނެ. އެއީ ވަރަށް އަސާސީ ކަމެއް،" ލުތުފީ ވިދާޅުވި އެވެ.
ސީކެޓަގަރީގެ ފޯމްތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން މިހާތަނަށް ބެލި ފޯމްތަކުން އެނގިފައިވާތީ ބީކެޓަގަރީން ވެސް ފްލެޓްދޫކުުރުމުގައި އެ ފްލެޓްތައް ލިބިފައި ވަނީ ހައްގުވެރި ފަރާތްތަކަށްތޯ ބެލުމަށް ބީ ކެޓަގަރީގެ ފޯމްތައް ވެސް ދިރާސާ ކުރައްވާނެ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.