އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ.

"އެއްވެސް ކަހަލަ ޝަރުޢީ ޢުޒުރެއް ނުވަތަ ބައްޔެއްގެ ސަބަބަކާ ނުލައި ރަމަޟާން މަހުގެ ދުވަހެއްގެ ރޯދަ ދޫކޮށްލައިފި މީހާ އެއަށްފަހު އޭނާގެ މުޅި ޢުމުރުގައި ރޯދަ ހިފިކަމުގައި ވިޔަސް އޭނާ ދޫކޮށްލި ރޯދައިގެ ބަދަލަކަށް ނުފުދޭނެއެވެ." (އައްތިރުމިޒީ: ކިތާބުއްޞައުމި)

އާދެ، މިޙަދީޘު ފުޅުން އެނގެނީ ރަމަޟާން މަހު ރޯދަ ހިފުމުގެ މުހިންމު ކަމެވެ. ދީނުގައި އެކަމަށް ދެއްވައިފައިވާ އަހަންމިއްޔަތެވެ. ރޯދައަކީ ޚުދު އަރަހުށި މާތްﷲ ނުހަނު ޞަރީޙު ބަސްފުޅުން ފަރުޟުކުރައްވައިފައިވާ އަޅުކަމެކެވެ. އެހެންކަމުން ރަމަޟާން މަހުގެ ރޯދައެއް ޤަޞްދުގައި ދޫކޮށްލުމަކީ ވަރަށް ބޮޑު ފާފައެކެވެ. ވަރަށްބޮޑު ކުށެކެވެ. ޤަޞްދުގައި ރޯދައެއް ދޫކޮށްލުމަށްފަހު މީހަކު މުޅި ޢުމުރަށް ރޯދަހިފިކަމުގައިވިޔަސް އެކަންވާނީ އެމީހަކު އަމިއްލަ ޤަޞްދުގައި ކުރިކަމަކަށެވެ. މާތްﷲ ގެ ޙުކުމް ފުޅަކަށް ޢަމަލުކުރުން ކަމަކަށެއް ނުވާނެއެވެ. ޝައްކެއްނެތެވެ. މާތްﷲ ގެ އަމުރުފުޅަކާ ޤަޞްދުގައި ޚިލާފުވުމުގެ ބަދަލެއްކަމުގައި ފުދޭނެ އެހެން އެއްވެސް ޢަމަލެއް ނޯންނާނެއެވެ.

މިދުނިޔެމަތީގައިވާ ފެނުގެ ޚަޒާނާގެ ކޮންމެ ތިއްކަކީ އަރަހުށި މާތްﷲ ގެ މިލްކެކެވެ. ބިންމަތީގައި ލައްވައިފައިވާ ކާބޯތަކެތީގެ ބާވަތްތަކުގެ ކޮންމެ އޮއްޓަރަކީ ވެސް މާތްﷲ ގެ މިލްކެވެ. އެތަކެތީގެ މިލްކުވެރިކަމުގައި ބައިވެރިވާ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. ދުނިޔޭގައި ލައްވައިފައިވާ ކޮންމެ އެއްޗެއް ހެއްދެވީ ވެސް އަދި އެހުރިހާ އެއްޗެއްސެއްގެ ވެރިފަރާތަކީ ވެސް އެކަލާނގެއެވެ. އިންސާނާ އަށް އެހުރިހާ އެއްޗެއްސެއް ހިބަކޮށްދެއްވި ރަސްވަންތަ، ގަދަކީރިތިވަންތަ ފަރާތަކީ އެއީއެވެ.

އެހެންކަމުން ކޮންމެ އަހަރަކުވެސް މިވެނިމަހެއްގެ އެވެނި ވަގުތެއްގައި ތިމަންﷲ ގެ ފެނާއި ތިމަންﷲ ގެ ކާނާ ކަލޭގެ ބޭނުން ނުކުރާށޭ އެކަލާނގެ އަންގަވައިފިނަމަ އެތަކެތި ހެއްދެވި އަދި އެތަކެތީގެ ވެރިފަރާތުގެ އަމުރުފުޅާ ޚިލާފަށް އެތަކެތީގެ ތެރެއިން އެއްވެސް މިންވަރެއް ބޭނުންކުރުމަކީ އިންސާނާގެ އިންސާނީވަންތަކަމާވެސް ކަނޑައެޅިގެން ޚިލާފުކަމެކެވެ. އަރަހުށި މާތްﷲ ގެ މިފަދަ އަމުރުފުޅަކާ ޚިލާފުވެއްޖެނަމަ އިންސާނާ އަމިއްލަޔަށް އެވަނީ އޭނާއަށް އެކަލާނގެ ދުނިޔެއިން އެއްވެސް ޖާގައެއް ނެތް ކަމުގައި ހަދައިފައެވެ. އޭނާ އަމިއްލަޔަށް އެވަނީ އިންސާނީވަންތަކަމުގެ ދަރަޖައިން އެއަށްވުރެ ދަށުދަރަޖަޔަކަށް ވެއްޓިގެންފައެވެ.