މިޔަރުގެ ބައިތައް ބޭނުންކޮށްގެން ވިޔަފާރިކުރި ފަރާތްތަކަށް ކުރީގެ ސަރުކާރުން ބަދަލުދިން ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިގެން ތަހުގީގުކުރުމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ލަފާދެއްވައިފި އެވެ.

އޮޑިޓާ ޖެނެރަލް ނެރުނު އިކޮނޮމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައި މިޔަރުގެ ބައިތައް ބޭނުންކޮށްގެން ވިޔަފާރިކުރި ފަރާތްތަކަށް ވަނީ ވަކި އުސޫލެއް ކަނޑައެޅުމެއް ނެތި އަދި އާއްމުކޮށް އިއުލާންކުރުމެއް ނެތި 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު އެ ފަރާތްތަކަށް ބަދަލުދީފައި ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް އެއްވެސް މިންވަރަކަށް އެކުލެވޭތޯ ބެލުމަށް އޭސީސީ އަށް ހުށަހަޅުމަށް ދަންނަވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ޖުލައި 2010،1ން ފެށިގެން މިޔަރުގެ އެއްވެސް ބާވަތެއްގެ ވިޔަފާރިކުރުމާއި އެކްސްޕޯޓްކުރުން މަނާކުރުމާ ގުޅިގެން މިޔަރުގެ ބައިތައް ބޭނުންކޮށްގެން ތަކެތި އުފައްދާ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު އިކޮނޮމިކް މިނިސްޓްރީން ބައެއް ފަރާތްތަކަށްދީފައިވާ ކަމަށެވެ. އަދި އެގޮތުން 2010 ވަނަ އަހަރު ބަދަލު ހޯދުމަށް ހުށަހެޅި ފަސް ފަރާތަކަށް 821،489 ރ. އަދި 2011 ވަނަ އަހަރު ހަތް ފަރާތަކަށް ބަދަލު ހޯދުމަށް އެދޭ އަގުގެ 2.2 މިލިއަން ރުފިޔާގެ 30 ޕަސެންޓަށްވާ 670،673ރ. ދީ، ބަކީ ބައި ފަހުންދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ވިޔަފާރިކުރާ 265 ފަރާތަކުން ބަދަލު ހޯދުމަށް މައުލޫމާތު ސާފުކުރި ނަމަވެސް ބަދަލު ދީފައި ވަނީ އެކަމަށް އެދި ހުށަހެޅި 12 ފަރާތަކަށް ކަމަށެވެ. އަދި އޭގެ ތެރެއިން 2010 ވަނަ އަހަރު ހުށަހެޅި ފަރާތްތަކަށް އަގުގެ 15 ޕަސެންޓް އުނިކުރުމަށް ފަހު ބަދަލު ދިން ނަމަވެސް 2011 ވަނަ އަހަރު ހުށަހެޅި ފަރާތްތަކަށް ބަދަލުދީފައި ވަނީ އެއްވެސް އެއްޗެއް އުނިކުރުމެއް ނެތި އެ ފަރާތްތަކުން ހުށަހެޅި ޖުމްލަ އަގު ކަމަށް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ ހާމަކަން ކުޑަކޮށް އަދި އެކި ފަރާތްތަކަށް އެކި ގޮތަށް ކަމަށްވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނިފައިވުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެކަން އޭސީސީއަށް ހުށަހަޅައިގެން އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.