24 Jul 2013, 16:26
ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހަތަރު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތު ނެގުން އަންނަ ހަފްތާގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުުއާދު ތައުފީގު "ސަން" މިއަދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ހުށަހަޅަޅުއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދާއި ގާސިމް އިބްރާހިމާއި އަބްދުﷲ ޔާމީންގެ ނަންފުޅު ވޯޓު ކަރުދާހުގައި އޮންނާނެ ތަރުތީބު ކަނޑައެޅުމަށް ޓަކައި ގުރުއަތު ބާއްވަން ޖެހޭނީ ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެވެ.
ފަސް ދުވަސް ގުނަން ފަށަނީ އެންމެ ފަހުން ރިޔާސީ ކެންޑިޑޭސީ ހުށަހެޅުއްވި ދުވަހުގެ ވަގުތުން ފެށިގެންނެވެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެންމެ ފަހުން ކެންޑިޑޭސީ ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވަހު އަބްދުﷲ ޔާމިން އެވެ. އެ ދުވަހުން ފެށިގެން ފަސް ދުވަސް ހަމަވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.
ެރިޔާސީ ކެންޑިޑޭޓެއްގެ ކެންޑިޑެސީގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި، ފަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިވެ އެވެ. ނަމަވެސް ރައީސް ނަޝީދާއި ރައީސް ވަހީދުގެ ކެންޑިޑެންސީގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ލިބުނު ފަސް ދުވަހުގެ މުއްދަތު ހަމަވެއްޖެ އެވެ. ނަމަވެސް ގާސިމާއި ޔާމިންގެ މައްސަލަ ހުށަހެޅުއްވުމަށް ފަސް ދުވަހުގެ މުއްދަތު އެބަ އޮތެވެ. އެ ދެ ބޭފުޅުން ކެންޑިޑެސީ ފައިލްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުއާދު ވިދާޅުވީ އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ސުޕްރީމް ކޯޓަށް ކެންޑިޑޭޓެއްގެ މައްސަލަ ހުށަނާޅައިފި ނަމަ އަންނަ އާތީއްތަ ދުވަހު ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ބޭއްވުމަށް ކަމަށެވެ.