09 Nov 2010, 07:31
އެމްޑީޕީއަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވާހާ ގޮތަކަށް ހިންގާ ޕާޓީއެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެންމެ ފަހު ބަސް ވިދާޅުވާ ބޭފުޅާ ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިފައިވާ މައްސަލައިގައި، އެމްޑީޕީގެ މެންބަރުން ދޫދެއްވުމަށް ރައީސް ނަޝީދު އަންގަވާފައިވާ ގޮތާ ހިލާފަށް އެމްޑީޕީގެ މެންބަރުން އަމަލު ކުރައްވަމުން ގެންދަވާ ކަމަށް އިދިކޮޅު ޑީއާރުޕީން ކުރާ ތުހުމަތުތަކަށް، އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އާއްމު ޖަލްސާގައި ރައްދު ދެއްވަމުން، ކާނަލް ނަޝީދު ވިދާޅުވީ، އެ ބޭފުޅުންގެ ތެރޭގައި ޕާލަމެންޓްރީ ގްރޫޕެއް އެބައޮތް ކަމަށެވެ. އަދި އެ ގްރޫޕުގެ ނިންމުންތަކަކީ އެ ގްރޫޕު ތެގޭގައި މަޝްވަރާ ކުރެވިގެން ނިންމާ ނިންމުން ތަކަކަށް ވާތީ އެކަމަށް އެއްވެސް ފަރާތަކަށް ބާރު ނުފޯރުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ބޭނުންފުޅެއް ނުވޭ ގާނޫނު ހަދާ މަޖިލީސް މަސައްކަތެއްނުކޮށް ވާވެފައި އޮންނާކަށް. ރައީސް އަބަދުވެސް އަޅުގަނޑުމެންނަށް ދެއްވާ އިރުޝާދަކީ އެއީ. ރައީސް ވިދާޅުވާ ކަންތައްތަކާ މެދު ވެސް އަޅުގަނޑުމެން ވިސްނަން. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ޕާލަމެންޓްރީ ގްރޫޕެއް އެބައޮތް. ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން އެންމެ ފަހު ބަސްބުނާ ފަރާތަކީ ރައީސް ނަޝީދެއް ނޫން. ޕާލަމެންޓްރީ ގްރޫޕުގެ ނިންމުންތަކަކީ އެ ގްރޫޕު ތެގޭގައި މަޝްވަރާ ކުރެވިގެން ނިންމާ ނިންމުން ތަކެއް،" ކާނަލް ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، މަޖިލިސް ހުއްޓިފައި އޮތުމަކީ ދިގު މުއްދަތަށް ބަލާއިރު އެކަމުގެ ސަބަބުން ރާއްޖެ އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށެވެ. އެއީ ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ އަގު ވެއްޓިގެންދާނެ ކަމެއް ކަމަށާއި މިހާރުގެ ހާލަތުން ސަލާމަތް ވުމަށްޓަކައި އެމްޑީޕީން ސިޔާސީ މަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ފަރުދާގެ ފުރަގަހުގައި އެއްބަސްވުންތަކަކަށް މި އަންނަންޖެހިގައި މިވަނީ. މަސައްކަތް ކުރަމުން މި ދަނީ ސުލްހަވެރިކަމާއި އަމާންކަމާ އެކު މި މައްސަލަ ނިންމުމުގެ މަގަށް މަސައްކަތް ކުރެވޭތޯ. ދުރުމުސްތަގުބަލަށް ބަލާ އިރު އެމްޑީޕީ އަށް ފައިދާ ހުރި ގޮތަށް އެކަންތައް ވެސް ނިންމޭނެ." ނާޝިދު ވިދާޅުވި އެވެ.