24 Jul 2013, 16:20
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓަށް އެ ސިޓީ ތައްޔާރުކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ލައްވައި ކުރުވުމަށް ފަހު، އެ މަސައްކަތްތަކަށް ސަދަން ޔުޓިލިޓީޒް (އެސްޔޫއެލް) އިން ގިނަ އަދަދެއްގެ ފައިސާތަކެއް ނަގައިގެން އަމިއްލަ ކުންފުނިތަކަށް އެ ފައިސާތައް ދިން އިރު ވުޖޫދުގައި ނެތް ކުންފުންޏަކަށް ވެސް ގިނަ އަދަދެއްގެ ފައިސާތަކެއް ދީފައިވާ ކަމަށް އޭސީސީން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ ސާކް ސަމިޓާ ގުޅިގެން އެތައް މިލިޔަން ރުފިޔާ ގަވާއިދާ ހިލާފަށް ސަދަން ޔުޓިލިޓީޒް އިން ބޭނުންކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތައް އެކޮމިޝަނުން ބައްލަވާނެ ކަމަށެވެ. އަދި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ބައެއް މައްސަލަތައް އޭސީސީ އަށް ވެސް ހުށަހަޅައިފައިވާ ކަމަށާއި އެ ރިޕޯޓްގައި އޭސީސީ އިން ބެލުމަށް ކަނޑައަޅުއްވާފައި ހުރި ކަންތައްތަކުގެ އިތުރުން އެކަމާ ގުޅިގެން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ ސަދަން ޔުޓިލިޓީޒް އިން އަމިއްލަ ބައެއް ކުންފުނިތަކަށް ފައިސާ ދިނުމުގައި ވެސް ސީރިއަސް މައްސަލަތަކެއް ހުރިކަން އެ ކޮމިޝަނަށް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެކަމުގެ ތަފްސީލްތައް އެނގޭނީ ސަދަން ޔުޓިލިޓީޒްގެ އޮޑިޓް ރިޕޯޓް އޮޑިޓާ ޖެނެރަލް ނެރުއްވުމުން ކަމަށެވެ.
"އޮޑިޓާ ޖެނެރަލް އޮޑިޓް ރިޕޯޓް ނެރުއްވުމާ އެކު އަޅުގަނޑުމެން ވެސް ކޮޕީއެއް ވާނީ ނަގާފައި. އަދި ރަސްމީކޮށް ރިޕޯޓެއް ނުލިބޭ، އަޅުގަނޑުމެންނަށް ވެސް އެބަހުރި ރަސްމީކޮށް ބައެއް ފަރާތްތަކުން އެކަމާ ގުޅޭ މައްސަލަތަކެއް ހުށަހަޅައިފައި. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ކުރި މަސައްކަތްތަކަށް އަމިއްލަ ކުންފުނިތަކަކަށް ފައިސާ ދިން އިރު ވުޖޫދުގައި ނެތް ކުންފުންޏަކަށް ފައިސާ ދީފައިވާ މައްސަލައެެއް އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި،" ލުތުފީ ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރުގެ ގޯތި ތެރޭގައި ގާ އެތުރުމާއި ބިންގަނޑު އެއްވަރުކޮށް ހެދުމުގެ މަސައްކަތުގެ 60 ޕަސެންޓް ފުލުހުންނާއި ސިފައިން ކޮށްފައިވާ އިރު އެ މަސައްކަތް ކުރުމަށް އެސްޔޫއެލްއަށް ގަވާއިދާ ހިލާފަށް 5.1 މިލިއަން ރުފިޔާ ބަޖެޓުން ދީފައިވާ ކަން އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ. އެ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރުމަށް އޭއައިއާރު ކޮންސްޓްރަކްޝަން އާއި އެސްއާރު ޓްރޭޑިން ކިޔާ ކުންފުންޏަކާ އެކު އެސްޔޫއެލް އިން އެއްބެސްވެ އެ ކުންފުނިތަކަށް ޖުމްލަ 2.10 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ކުންފުންޏަކުން އެ މަސައްކަތް ކުރުމުގައި ބައިވެރިވި ކަން އެނގެން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައވެ އެވެ.
ލުތުފީ ވިދާޅުވީ އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ފާހަކުރައްވާފައިވާ މައްސަލަތަކަކީ ސިީރިއަސް މައްސަލަތަކެއް ކަމަށާއި އޭގެ ތެރިން އެ ކޮމިޝަނަށް ބަލަން ޖެހޭ އެއްވެސް ކަމަކާ މެދު ފިޔަވަޅު ނާޅާ ދޫކޮށްނުލައްވާނެ ކަމަށެވެ.
"ވަރަށް ބޮޑު ޕްރޮޖެކްޓެއް ހިނގާފައި މިވަނީ، ނަމަވެސް އޮޑިޓާ ޖެނެރަލް ބައްލަވާފައި ވަރަށް ތަފްސީލްކޮށް އެބަހުރި ކަންތައްތަކެއް ފާހަގަކުރައްވާފައި. އަޅުގަނޑުމެން ވެސް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާނަން އެކަންކަން. އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ އިތުރުން ސަދަން ޔުޓިލިޓީޒްގެ އޮޑިޓެއް ވެސް އެބަކުރައްވާ އޮޑިޓާ ޖެނެރަލް، އޭރުން އަޅުގަނޑުމެންނަށް ވެސް ފަސޭހަވެގެންދާނެ ކުރިއަށްދާންވީ ދިމާތައް،" ލުތުފީ ވިދާޅުވި އެވެ.