24 Jul 2013, 15:48
ބޭންކް އޮފް މޯލްޑިވްސް އިން ރޯދަމަހަށް ހާއްސަކޮށްގެން ފެށި، "ރޯދަ ވެދުން" ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.
ޑެބިޓް އަދި ކްރެޑިޓް ކާޑް ބޭނުންކޮށްގެން ބީއެމްއެލްގެ ޕީއޯއެސް މެޝިން މެދުވެރިކޮށް ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިންގެ ގުރުއަތު ނެގީ މިއަދު މެންދުރު ފަހު ސީޓްރެކް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ބޭންކުގެ ޕްރިޔޯރިޓީ ކަސްޓަމަރެއް ކަމަށްވާ ހޭންޑީ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ހަލީމެވެ.
ރޯދަ ވެދުން ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރި ހަތްފަރާތަކަށް ހޮވިފައި ވަނީ، ގ. ފަރުކަން، ހަސަން ޒާހިދުއާއި، ތ. ތިމަރަފުށީ، ފެހިވިނަ، އިސްމާއީލް އަބްދުއް ސައްތާރާއި، ޅ. ނައިފަރު، ކަނީރުގޭ، ޚަތުމާ އިބްރާހީމްއާއި، އެއާ ޑައުން، މުހައްމަދު މިގްދާމްއާއި، ހ. ހާގޯށި، ފާތިމަތު ފިޒްނާއާއި، ސ. ފޭދޫ، ކަސްމީރުގޭ އަހްމަދު ރިފްޝާން، އަދި މ. ގަސީމް، ފާތިމަތު ރަޝީދާ އެވެ.
ބީއެމްއެލްގެ ރޯދަ ވެދުން ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އެ ދުވަހެއްގައި ކާޑުން ވިޔަފާރި ކުރުމުން ހޭދަކުރި ފައިސާ އަނބުރާ އެ ކަސްޓަމަރެއްގެ އެކައުންޓަށް ޖަމާކޮށްދެވޭނޭ ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފަ އެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް ގިނަވެގެން ދެވޭނީ 50،000ރ ކަމަށްވެސް ބޭންކުން ބުންޏެވެ.
އެ ބޭންކުން ބުނީ ގުރުއަތުން ހޮވުނު ފަރާތްތަކަށް، ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.
ރޯދަ ވެދުން ޕްރޮމޯޝަންއަކީ ރޯދަމަހުގެ ކޮންމެ ދުވަހަކަށް ނަސީބުވެރިއަކު ހޮވާގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމުން ރޯދަމަހުގެ 30 ދުވަހަށް 30 ނަސީބުވެރިން ހޮވާނެ ކަމަށެވެ.