އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ހުންނަ ވީއައިޕީ ލައުންޖްގެ ތެރޭގައި މަސްތުވެގެން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިއްޔެ ހަވީރު 4:20 އެހާކަންހާއިރު ފުލުހުންނަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން އެއާޕޯޓުން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއާ ބެހޭ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

"ރާއްޖެ އިން ބޭރުން އައި ދިވެއްސަކު މަސްތުވެގެން ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހަވީރު އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އެ އާޕޯޓުން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ސިޔާސީ ލީޑަރެއްގެ ކޮއްކޮ އެކެވެ.