24 Jul 2013, 14:53
އޭޝިއާ ސަރަހައްދުގައި ޓޫރިޒަމް އިންވެސްޓްމަންޓްތައް އެންމެ ގިނައިން ވިއްކި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.
ޖޯން ލެންގް ލަސެލްސް (ޖޭއެލްއެލް) އިން ތަރައްޔާރުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހޮޓާތައް ވިއްކި މިންވަރު 2008 ވަނަ އަހަރުގެ އެ މުއްދަތަށް ވުރެ ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ މި އަހަރުގެ އެ މުއްދަތުގައި ކުރި މުއާމަލާތްތަކުގެ އަގު 1.3 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރާ އަޅާބަލާ އިރު 85 ޕަސެންޓް އިތުރުވުމެއް ކަމަށް ބުނެފައިވެ އެވެ. އަދި ސިންގަޕޯ އާއި ހޮންކޮންގް އަދި ޖަޕާނުގެ ޓޯކިޔޯގައި ކުރާ އިންވެސްޓްމަންޓް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޖޭއެލްއެލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖެ އާއި ތައިލެންޑަކީ ޓޫރިޒަމް އިންވެސްޓްމަންޓް ވިއްކުމުގައި ކުރިއަރަމުން އަންނަ މާކެޓެއް ކަމަށެވެ. އެ ރިޕޯޓުގައި އަންގްސާނާ ވެލާވަރު 71 މިލިއަން ޑޮލަރަށް ވިއްކުން ހިމަނާފައިވެ އެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު އިންވެސްޓްމަންޓްތައް ވިއްކާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.
"މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކުރި މުއާމަލާތްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭ. މީގެ ކުރިން ވިއްކާ ފަރާތާއި ގަންނަ ފަރާތާ މެދު އޮންނަ ހުރަސް ވަނީ ވަރަށް ބޮޑަށް ނައްތާލެވިފައި،" އިންވެސްޓްމަންޓް ސޭލްސް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީގެ މެނޭޖިން ޑިރެކްޓަރު މައިކް ބެޗްލާ ވިދާޅުވި އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ އެންމެ ގިނައިން އިންވެސްޓްމަންޓްތައް ވިއްކަނީ ފަންޑުތަކުންނާއި ބޮޑެތި ވިޔަފާކުރި ކުންފުނިތައް ރީސްޓަރަކްޗާ ކުރުމަށް ކަމަށެވެ.
ޖޭއެލްއެލްގެ ރިޕޯޓުގައި ބުނެފައި ވަނީ މި އަހަރުގެ ނިޔަލަށް ވިއްކި އިންވެސްޓްމަންޓްގެ އަގު 2.5 ބިލިއަން ނުވަތަ ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.