އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިިހާބުގެ ވޯޓްލާން ފަށާ ގަޑި އެހެން އަަހަރުތަކުގެ އިންތިހާބުތަކާ ހިލާފަށް އަވަސްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު ސަންއާ ވާހަކަަ ދައްކަވަމުން މިއަދު ވިދާޅުވީ މިހާރު ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 7:30 އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ހަތަރެއް ޖަހާއިރު ވޯޓްލާ ފޮށި ބަހައްޓާފައި ހުންނަ މަރުކަޒުގައި ވޯޓް ލުމަށް ކިއުޖައްސާފައިިވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް ހަމަޖެއްސީ އަވަހަށް އެ މަސައްކަތް ފަށައިފި ނަމަ މަސައްކަތް ކުރަން ލިބޭ ވަގުތު ވެސް ގިނަ ވެގެންދާނެތީ. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކުރިން 8 ޖަހާއިރު ވޯޓްލާ އިރު ވެސް ފޮށިތައް ދޮަށުގައި މީހުން ކިޔުޖެހިފައިވާތަން، އެހެންވެ އަވަހަށް ފެށުމުން އަވަހަށް ވޯޓްލާފައި އެމީހުންނަށް ދެވޭނެ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ވޯޓް ލާ ފޮށިތައް ބަންދުކުރާނީ ވޯޓް ލުމަށް އެ ފޮށި ހުންނަ މަރުކަޒެއްގައި ކިޔުގައި ޖައްސާފައިވާ މީހުން ވޯޓްލައި ނިމުމުން ކަމަަށެވެ. އަދި ވޯޓްލައި ނިމުމަށް ފަހު ވޯޓް ފޮށިތައް ބަންދުކުރާނެ ކަމަށާއި ވޯޓް ގުނަން ފަށާނީ 30 މިނެޓްގެ ހުސްވަގުތު ކޮޅަކަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ރަޖިސްޓްރީވުމަށް އިލެކްޝަނުން ދީފައިވާ މުުއްދަތު އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްދީފައިވާ ކަމަށާއި އެ މުއްދަތުގެ ފަހުން އެއްވެސް ފަރާތަކަށް އެ ފުރުސަތު ލިބިގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް މަދު ބަޔަކު އަދި ރަޖިސްޓްރީ ވުމަށް ފުރަތަމަ ދެ ހަފްތާގެ ތެރޭގައި އެދިފައި ވަނީ. ފަހަރުގައި ވެދާނެ ފަހު ވަގުތާ ހަމައަށް ގިނަ ބަޔަކު މަޑުކޮށްގެން ތިބީ ކަމަށް ވެސް. ނަމަވެސް މުއްދަތު ހަމަވުމުގެ ފަހުން އެފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭނެ މީހުން އެދުނު ނަމަވެސް. އަޅުގަނޑުމެން ވެސް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި، ވޯޓް ކަރުދާސްތައް ޗާޕްކުރުމާއި ވޯޓް ސަރުދާސްތައް ޗެކްކުރުމާއި އެ އަންނަ ފޯމްތައް ޗެކްކުރުމަށް ވެސް އެހެންވެ އަޅުގަނޑުމެންނަށް ވެސް ވަގުތު ބޭނުންވޭ،" ފުއާދު ވިދާޅުވި އެވެ.