ކ. ކުޑަވިލިނގިލީގެ ހިއްސާ ދާދިފަހުން ދާދިފަހުން ގަތް އޮމާންގެ އެމްފާ ހޮޓެލްސް އެންޑް ރިޒޯޓްސްއިން 150 މިލިއަން ޑޮލަރުގެ އިންވެސްޓްކުރަން ނިންމާފައިވާ ކަމަށް ޓައިމްސް އޮފް އޮމާންއިން ބުނެފި އެވެ.

ޓައިމްސް އޮފް އޮމާންއިން ބުނީ އެމްފާ ހޮޓެލްސް އެންޑް ރިޒޯޓްސްއިން މިދިޔަ ހަފުތާގައި ރިޒޯޓެއް ތަރައްގީކުރުމަށް ރާއްޖޭގެ ރަށެއް ގަނެފައިވާ ކަމަށެވެ.

އެމްފާ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ވެރިޔާ ޑރ. ޕީ މުހައްމަދު އަލީ އާ ހަވާލާދީ އެ ނޫހުން ބުނީ އެ ރަށް ގަނެފައި ވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި ރަށުގެ ބޮޑު މިނުގައި ހަ ހެކްޓަރުން ހުންނައިރު ކައިރިން 30 ހެކްޓަރުގެ ބިން ހިއްކުމުގެ ހުއްދަ ދިވެހި ސަރުކާރުން ދީފައިވާ ކަމަށެވެ.

އެމްފާއިން ބުނީ މިރަށުގައި 300 އެނދުގެ ރިޒޯޓެއް ތަރައްގީކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށެވެ.

އަދި މިހާރު މަޝްހޫރު މާކެޓު ރިސާޗު ކުންފުންޏެއް ކަމަށްވާ ކޭޕީއެމްޖީގެ އެހީގައި މާކެޓް ރިސާޗެއް ހަދަމުންދާ ކަމަށާއި ވަރަށް އަވަހަށް ރިޒޯޓު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޓައިމްސް އޮފް އޮމާންއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޕީ މުހައްމަދު އަލީ ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމް މާކެޓަށް އެންމެ ޑިމާންޑް އޮތް އެއް ގައުމު ކަމަށެވެ.

"ރާއްޖެއަކީ ފުޅާވަމުން އަންނަ މާކެޓެއް. އަދި ޓޫރިޒަމަށް އެންމެ މަގުބޫލު މަންޒިލް. ރާއްޖޭގެ ރިޒޯޓްތަކުގައި އަހަރު ތެރޭގައި އެވްރެޖްކޮށް އޮކިއުޕަންސީ އުޅެނީ 90 ޕަސެންޓުގައި" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ޓައިމްސް އޮފް އޮމާންއިން ބުނީ މިވަގުތު އެމްފާ ހޮޓެލްސްގެ ތިން ހޮޓަލެއް ޖުމްލަ 700 އެނދާއެކު އިންޑިއާ އަދި އޮމާންގައި ހިންގަމުންދާ ކަމަށެވެ.

ރާއްޖެއަށް ޑރ. ޕީ މުހައްމަދު އަލީ ދާދި ފަހުން ކުރެއްވި ދަތުރެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާ ބައްދަލުކުރައްވާފައިވާ ކަމަށް ޓައިމްސް އޮފް އޮމާންއިން ބުނެ އެވެ.