24 Jul 2013, 13:40
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފި އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދު އެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ހދ. ނޭކުރެންދޫ އަށް ކަމަށާއި އެެ ރަށަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީގެ ކެމްޕޭން ޓީމާ ބައްދަލުކުރައްވައި ކެމްޕޭން ހަރަކާތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާނެ ކަމަށެވެ.
އެއަށް ފަހު ނަޝީދު ވަޑައިގަންނަވާނީ އެ އަތޮޅު ވައިކަރަދޫ އަށެވެ. އެ ރަށުގައި ވެސް ރައްޔިތުންނާއި ބައްދަލުކުރައްވައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާ ބައްދަލުކުރައްވާނެ ކަމުގައި އެމްޑީޕީން ބުންޏެވެ. ވައިކަރަދޫ އަށް ފަހު ނަޝީދު ވަޑައިގަންނަވާނީ މަކުނުދޫއަށެވެ. އަދި މަކުނުދޫގައި ރޯދަ ވީއްލެވުމާ އެކު މިރޭ މަކުނުދޫގައި އެމްޑީޕީގެ "އެއްބުރުން" ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
މަކުނުދޫ އަށް ފަހު މާދަމާ މެންދުރު ރައީސް ނަޝީދު ކުމުންދޫ އަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުރިނބީއަށާއި ނޮޅިވަރަމަށް މެންދުރު ފަހު ވަޑައިގަންނަވާނެ އެވެ. އެއަށް ފަހު ނޮޅިވަރަންފަރުގައި ބޭއްވޭ ރޯދަވީއްލުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ވަޑައިގެންނަވާ ކޮންމެ ރަށެއްގައި ވެސް އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާ ރޭ މާލެ ވަޑައިގަންނަވާނެ ގޮތަަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.